ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް އެދިފައިވާތީ، ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓު ސަރަހައްދުގައި މި ވަގުތު ހުރި "ވަން އޮންލައިން"ގެ ނޫސްވެރިޔާ މައުލޫމާތުދޭ ގޮތުގައި އެމަނިކުފާނު ބަންދުގައި ބަހައްޓަން އަމުރުކުރީ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ އެމްއެމްޕީއާރްސީގެ މަނީ ލޯންޑަރިން މައްސަލައިގައި ހެކީންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގަ އެވެ.
ރައީސް ޔާމީން ހައްޔަރުކޮށްގެން ދޫނިދޫ ޖަލަށް ގެންދާނެ ކަމަށް ބެލެވޭ އިރު، ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިން ކުރިމަތީ ސަރަހައްދުގައި ލޯންޗެއް ކައިރިކޮށްފައި އެބަ އޮތެވެ. އަދި އެ ސަރަހައްދުގައި ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުޅުންނާއި ރައީސް ޔާމީނުގެ ބައެއް ސަޕޯޓަރުން އެބަ ތިއްބެވެ.
ކުރީގެ ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ މަނީލޯންޑްރިންގެ މައްސަލައިގައި ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެނެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި ހެކީންނަށް ޔާމީން ފައިސާ ހުށަހަޅާފައިވާކަން، މައްސަލައިގައި ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ކަމަށާއި އަދި ތަހުގީގަށް ދިން ބަޔާންތައް ބަދަލުކުރަން ވެސް ޔާމީން ފައިސާ ހުށަހެޅި ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.
އެހެންކަމުން ދައުލަތުގެ ވަކީލާގެ ވާހަކައަށް ރިއާޔަތްކޮށް، ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ވަކި ގޮތަކަށް ނިމެންދެން ރިމާންޑް ޖަލެއްގައި އެމަނިކުފާނު ބަހައްޓަން އަމުރުކުރާ ކަމަށް ގާޒީ ހައިލަމް އަމުރު ކުރެއްވިއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ މައްސަލައިގައި ދައުވާކުރަނީ އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައެވެ. ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވައިފައެވެ.