މިނިސްޓްރީ އޮފް ހޯމްއެފެއާޒް

ގައުމިއްޔަތު ކުރިއަރުވަން ހޯމް މިނިސްޓަރަށް ލަފާ އަރުވާ ކޮމެޓީ އިފްތިތާހުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ގައުމިއްޔަތު ކުރިއެރުވުމަށްޓަކައި ހޯމް މިނިސްޓަރަށް ލަފާއަރުވާ ކޮމިޓީއެއް އެކުލަވައިލައްވައި އެކޮމިޓީ މިއަދު އިފްތިތާހުކޮށްފިއެވެ.

އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން ހޯމް މިނިސްޓްރީގައި މިއަދު ވަނީ ބާއްވައިފައެވެ.

ދިވެހިންގެ މެދުގައި ގައުމީ އަދި ވަތަނީ ރޫހު އާލާކޮށް، ދިވެހި ގައުމިއްޔަތުގެ ސިފަތައް ލިބިފައިވާ ދިވެހިވަންތަ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ ހޯމް މިނިސްޓްރީން ކުރާ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިފައެވެ.

ނުވަ ބޭފުޅުންގެ މައްޗަށް އެކުލަވައިލެއްވި ލަފާ އަރުވާ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އައްބާސް އިބްރާހީމާއި އަބްދުއްރަޝީދު ހުސައިނާއި މިނިސްޓަރު ޔުމްނާ މައުމޫނާއި އަނީސާ އަހުމަދާއި އަލްއުސްތާޛު އަހުމަދު ޝާކިރުއާއި އަޝްރަފް އަލީއާއި އާދަމް ނަސީރު އިބްރާހީމާއި އަންވަރު އިބްރާހީމުގެ އިތުރުން އަލްއުސްތާޛު އަހުމަދު އަލާއެވެ.

މިކޮމިޓީއަކީ ހޯމް މިނިސްޓްރީން ފާހަގަކުރާ ގައުމީ އެކިއެކި މުނާސަބަތުތަކުގައި ރައްޔިތުންގެ ހިތްތަކުގައި ގަައުމީ އަދި ވަތަނީ ރޫހު އާލާކުރުމަށް ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރުމާއި، އެކަންކަން ކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲއަށް ލަފާއެރުވުމަށް އެކުލަވައިލި ކޮމިޓީއެކެވެ.