މިސަރުކާރުގެ ކުރިމަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުޑަކަކޫ ނުޖަހާނެ ކަމަށް މަޖިލީހުގެ ފ. ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ހަލީލް މިހެން ވިދާޅުވީ ރައީސް ޔާމީން ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތުމާ ގުޅިގެން، މިއަދު ރައީސް ޔާމީން ކޯޓަށް ހާޒިރުުކޮށްފައި ވަނިކޮށް ކުރެއްވި ޓުވީޓެއްގައެވެ.
އެ ގޮތުން ހަލީލް ވަނީ ރައީސް ޔާމީން ހައްޔަރު ކުރެވިދާނެ ކަމަށާއި، ޕީޕީއެމް އާއި ކޮންގްރެސްގެ ލީޑަޝިޕް އެއްކޮށް ހައްޔަރު ކުރެވިދާނެ ކަމަށް ވިދާޅުވެ ފަހުގެ ތާރީހުގައި ރާއްޖެ ފަހުރުވެރި ކުރުވި ތަރައްގީ ގެނުވި ލީޑަރަށް ރައްޔިތުންގެ ހިތުގައި އޮތް ލޯތްބާއި ކުލުނު ހައްޔަރުކުރެވޭނެތޯ ސުވާލުކުރައްވައިފައެވެ.
މީގެ އިތުރުން ހަލީލް ވަނީ ރައްޔިތުން ކެތްތެރި ވުމަށް އެދެވަޑައިގެންފައެވެ. އަދި ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ބޮޑުތަނަކުން ސަރުކާރު ބަލި ކުރާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.