އަލީ ޔާމިން
އެމްޑީއެންގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށި ފަހުންވެސް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޖަމިއްޔާ ދިފާއު ކުރެއްވި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ އިސްލާމްދީނާ ދެކޮޅު ޖަމިއްޔާތައް ރާއްޖެ ގެނެއުމަށް ރައީސް ނަޝީދު އެހީތެރިވެވަޑައިގަންނަވާ ކަމަށް ތުހުމަތުކުރައްވައި ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ނަޝީދު ރޭ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
ހަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ކުއިލިއަމް ފައުންޑޭޝަން ރާއްޖެ ގެނެސް ލާދީނީ ވާހަކަތައް ވިސްނައިދިނުމަށް ވޯކްޝޮޕްތައް ބާއްވަނީ ނަޝީދުގެ އެހީތެރިކަމާއި އެކު ސަރުކާރުގެ ބައެއް އިސްވެރިން ކަމަށެވެ.
ރައީސް ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި އިސްލާމްދީނާ ދެކޮޅު އެއްވެސް ޖަމިއްޔާއެއް މަސައްކަތް ކުރުމުގެ ފުރުސަތު ނެތް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ހަލީލް ވިދާޅުވެފައިވަނީ، ދިވެހިންގެ ހިތްތަކުގައި ނަފުރަތާއި ފިތުނަވެރިކަން އުފެއްދުމަށް ކަމަށެވެ.
ރައީސް ނަޝީދުގެ އެ ޓުވީޓަށް ރައްދު ދެއްވައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައިވެސް އިސްކޮށް ހަރަކާތެރިވެވަޑައިގަންނަވާ ޑރ. ޖަމީލް މިއަދު ވިދާޅުވީ، ރައީސް ނަޝީދު އެމްޑީއެން ދިފާއު ކުރެއްވި ކަމަށާއި، އެމްޑީޕީ ކައުންސިލްތަކަށް އެމްޑީއެން ކުށްވެރިކުރަން ވެސް ނުކެރުނު ކަމަށެވެ.
"'އެމްޑީއެން ދިފާއު ކުރެއްވި. އެއީ އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރެ ސަރުކާރުން ފިޔަވަޅު އަޅާ ފުލުހުން ތަހުގީގުވެސް ފެށުމަށް ފަހު. ރާއްޖޭގެ ކައުންސިލްތަކުން އެ ރިޕޯޓް ކުށްވެރިކުރިއިރު، އެމްޑީޕީ ކައުންސިލްތަކުން އެކަން ނުކުރޭ" ޑރ. ޖަމީލް ވިދާޅުވިއެވެ.
ކުއިލިއަމް ޖަމިއްޔާ އިން ރާއްޖޭގައި އިސްލާމްދީނާއި މެދު ނަފްރަތު އުފައްދަން ވޯކްޝޮޕްތަކެއް ބޭއްވި މައްސަލަ އިސްލާމިކް މިނިސްޓްރީން އަންނަނީ ބަލަމުންނެވެ.