ޚަބަރު

އެމެރިކާއިން ރާއްޖެއަށް އިތުރު ދެ ލައްކަ ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ކޮވިޑުގެ ހާލަތު އަރައިގަތުމަށް އެމެރިކާއިން ރާއްޖެއަށް ދޭ އެހީތެރިކަމުގެ ދަށުން އިތުރު ދެ ލައްކަ ޑޯޒްގެ ވެކްސިން އެގައުމުން ހަދިޔާކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އެމެރިކާގެ މިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާއިން ރާއްޖެއަށް އެހީތެރިވުމުގައި ސާބިތުވެހުރުމުގެ ގޮތުން 210،600 ޑޯޒްގެ ފައިޒާ ވެކްސިން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެމެރިކާ އެމްބަސީގެ ޗާޖޭ ޑި އެފެއާޒް މާޓީން ކެލީ ވިދާޅުވީ، ޕެންޑަމިކް ތިންވަނަ އަހަރަކަށް އަޅައިގެން އަންނައިރު ކޮވިޑާ ދެކޮޅަށް ގުޅިގެންކުރާ މަސައްކަތް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި ރާއްޖެވެސް ހިމެނޭ ގޮތަށް 120 ގައުމަކާއެކު ގުޅިގެން ވެކްސިން ފޯރުކޮށްދީ ބަލި މަޑުކަމުގެ އިޖުތިމާއީ އަދި އިގްތިސާދީ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ކޮވިޑުގެ ބަލިމަޑުކަން ފެށުނީއްސުރެ އެމެރިކާއިން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން މިހާތަނަށް 440،00 ޑޯޒުގެ ފައިޒާ ވެކްސިނާއި ހަތް މިލިއަން ޑޮލަރުގެ އެމެޖަންސީ ސަޕްލައި ވަނީ ހަދިޔާކޮށްފައެވެ. އަދި 60 ފެސިލިޓީއަކުން 796 ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކުރުމާއި 60 ވެންޓިލޭޓަރާއި އެއް ލައްކަ ރެޕިޑް ޑައިގްނޯސްޓިކް ޓެސްޓް ކިޓް ވަނީ ފޯރުކޮށްދީފައެވެ.