ޚަބަރު

ތިލަ މާލެ ބްރިޖްގެ މަސައްކަތް ކުރިޔަށް ދާތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވާން އަންގައިފި

މުހައްމަދު ޖަމްޝަތް ވަހީދު

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ ބްރިޖްގެ އަމަލީ މަސައްކަތްތަކެއް އެ ސަރަހައްދުގެ ކަނޑުގައި ކުރިއަށް ގެންދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިނގިއްޔާއި ގުޅިފަޅުގެ ދެކުނު ފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރު ދެކުނު ކޮޅާ ދެމެދުގެ ސަރަހައްދެއްގައި ޕްލެޓްފޯމުތަކެއް ބަހައްޓައިގެން އިއްޔެއިން ފެށިގެން މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށެވެ.

އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު މި ޕްލެޓްފޯމުތަކަށް ކައިރި ނުކުރުމަށާއި މި ޕްލެޓްފޯމްތަކަށް ސަމާލުކަންދީގެން އުނދަގޫ ނުވާނެ ގޮތަކަށް ރައްކާތެރިކަމާ އެކު ދަތުރުތައް ކުރުމަށް އުޅަނދުފަހަރުގެ ކެޕްޓަނުންނަށާއި އުޅަނދުފަހަރުގެ ވެރީންނަށް އަދި އުޅަނދުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ތިލަމާލެ ބްރިޖްގެ ޖިއޯޓެކްނިކަލް ސާވޭގެ އަމަލީ މަސައްކަތް ފަށައި މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑު ސަރަހައްދެއް މިދިޔަ އާދީއްތަ ދުވަހު ވަނީ ބަންދުކޮށްފައެވެ. ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތަށް އިންޑަސްޓްރިއަލް ވިލެޖުގައި ކަޅުތުއްކަލާ ކޮށި ސަރަހައްދާ ދިމާލަށް އޮތް ހުސް ބިމާއި ވެމްކޯ ސައިޓާ ޖެހިގެން ދެކުނަށް އޮތް ބިމާއި ވެމްކޯ ސައިޓާ ޖެހިގެން އެތެރެއަށް އޮންނަ މަގުވެސް ވަނީ ހުސްކޮށް ކޮންކުރީޓް ބެރިތަކެއް ބަހައްޓައިފައެވެ.

ޖިއޯ ޓެކްނިކަލް ސާވޭ ކުރުމަކީ އިމާރާތްކުރުމަށް ބޭނުންވާ ބިމުގައި ހިމެނޭ މާއްދާތަކާއި އެތަނުގެ ކްލައިމެޓަށް އަންނަ ބަދަލުތައް ބަލައި ދިރާސާ ކުރުމެވެ.

ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.