ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުވެސް ކުރެވިދާނެ ކަމަށާއި އަދި ޖަލަށްވެސް ލެވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން ދާދިދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލަށްލިނަމަވެސް އެމަނިކުފާނު ގެނެސްދެއްވި ތަރައްގީގެ ފިކުރު ޖަލަށް ނުލެވޭނެ ކަމަށެވެ.
ނިހާން މިފަދައިން ވިދާޅުވެ، ޓްވީޓް ކުރައްވާފައި މިވަނީ ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީލޯންޑްރިންގެ މައްސަލައިގައި އެމަނިކުފާނު ހައްޔަރުކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން ކުރިމިނަލް ކޯޓުގައި އެދިފައިވަނިކޮށެވެ.
ރައީސް ޔާމީން ހައްޔަރުކުރުމުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނެރަލް އެދިވަޑައިގަތް މައްސަލައަށް ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުވެ ވަޑައިގަތުމަށް ޗިޓު ފޮނުވުމާއި ގުޅިގެން މިއަދުގެ 1:30ން ފެށިގެން އެމައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.
ރައީސް ޔާމީން ކޯޓަށް ވަޑައިގަތީ މިއަދު 1:24 ގައެވެ.