ރާއްޖޭގައި ހިންގާ 29 ނޫސް މަޖައްލާއެއް އުވާލަން ނިންމައިފިއެެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާ އަދި އޮންލައިން ނޫސްތަކުގެ ތެރެއިން ގަވާއިދުން ޝާއިއުނުކުރާ ނޫސްތައް އަންނަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އުވާލަން ނިންމާފައިވާ ކަމަށެވެ.
އެ އިއުލާނާއެކު ވަނީ، އެފަދަ ނޫސް މަޖައްލާތަކުގެ ލިސްޓެއް އާންމުކޮށްފައެވެ. އެ ލިސްޓުގައި 23 އޮންލައިން ނޫހަކާއި ތިން މަޖައްލާއަކާއި ދެ ވެބްސައިޓަކާއި ދުވަހު ނޫހެއް ހިމެނެއެވެ.