ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ޓީކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިިނަ ކެންޑިޑޭޓުންގެ މާލީ ބަޔާން ލިބިފައިވާ ކަމަށް އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފު ވިދާޅުވެއްޖެއެވެ.
އަފްޝަން މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އަފްޝަން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ކުރިން އެމްޑީޕީ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންނަށް މާލީ ބަޔާން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް ކެންޑިޑޭޓުންގެ އެދުމުގެ މަތިން އެ މުއްދަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިހާރު ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކެނޑިޑޭޓުންގެ މާލީ ބަޔާން ލިބިފައިވުމާ ގުޅިގެން މަސައްްކަތްކުރަމުން އަންނަނީ ވީހާވެސް އަވަހަކަށް އެބޭފުޅުންގެ މާލީ ބަޔާން ހިއްސާކުރުމަށް ކަމަށް އަފްޝަން ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށް ދަނީ ވެބްސައިޓުގައި މާލީ ބަޔާންތައް ޝާއިއު ކުރެވުމުގެ ކުރިން އޭގައި ހިމެނެންޖެހޭ ހުރިހާ މައުލޫމާތެއް ސައްހަކޮށް އޮތްތޯ ބެލުމުގެ މަސައްކަތްކަމަށްވެސް އަފްޝަން ވިދާޅުވިއެވެ. އަދި މައުލޫމާތުތައް ވެރިފައި ކުރެވުނުހާ އަވަހަކަށް އެ މައުލޫމާތުތައް އެމްޑީޕީ ވެބްސައިޓުގައި ހާމަކުރައްވާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.
މީގެ އިތުރުން އަދިވެސް އަދާލަތު ޕާޓީއާއެކު އެއްބަސް ވުމަކަށް އާދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތްތާނގައި މި މައުލޫމާތު ހިއްސާ ކުރައްވާނެކަމަށް އަފްޝަން ވިދާޅުވިއެވެ. އިންސާފު ގާއިމް ނުވާކަމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއްކަމަށް ފާހަގަކޮށް އަފްޝަން ވަނީ ޖުޑިޝަރީ އިސްލާހު ކުރުމަށް އެޖެންޑާ 19ގެ ދަށުން ހަތަރު ކަމެއް ހުށަހަޅާ ކަމަށް ވިދާޅުވެފައެވެ. މީގެ ތެރެއިން ދެކަމަކަށް މިރޭ އެމްޑީޕީގެ ފަރާތުން ކުރިއަށްގެންދާ ޕެނަލް ޑިސްކަޝަންގައި މަޝްވަރާ ކުރެވޭނެކަމަށް އަފްޝަން ވިދާޅުވިއެވެ.
މާދަމާ ހަވީރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ އެޖެންޑާ 19 އިންސާފުގެ ހިންގާލުން ފަށާނެކަމަށްވެސް އަފްޝަން މައުލޫމާތު ދެއްވިއެވެ. އަދި މީގެ އިތުރުން މާދަމާރޭ އެމްޑީޕީ ކެމްޕެއިންގެ ވޮލަންޓިއަރުންނާއި ރައީސް ނަޝީދު ބައްދަލުކުރައްވާނެ ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.