ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަނު ކުރައްވައި، ސަފީރު ކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. އަބްދުﷲ މައުސޫމަށް މަގާމުގެ ފަތްކޮޅު ދެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަނުކުރެއްވި ޑރ. މައުސޫމަކީ އިނގިރޭސިވިލާތުގެ ބަރމިންގހަމް ޔުނިވަރސިޓީން ޑޮކްޓަރ އޮފް ފިލޯސޮފީ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. ޑރ. މައުސޫމު ވަނީ ސަރުކާރުގެ މަތީ މަގާމުތައްވެސް ފުރުއްވައިފައެވެ.
އެގޮތުން ފުރުއްވި މަގާމުތަކުގެ ތެރޭގައި ޓުއަރިޒަމް މިނިސްޓަރު ކަމާއި އެންވަޔަރަންމަންޓް މިނިސްޓަރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރުކަން ހިމެނެ އެވެ. ޑރ. މައުސޫމު އެންމެ ފަހުން އަދާކުރައްވާފައި ވަނީ ސްޓްރީމް ލައިނަރސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކްޓިވް އޮފިސަރގެ މަގާމެވެ.