ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ތައްޔާރުކުރަންޖެހޭ ޑީޓެއިލް ޑިޒައިނަށް ބޭނުންވާ އެންމެ މުހިއްމު ސާވޭގެ ތެރޭގައި ހިމެނޭ "ޖިއޯޓެކްނިކަލް ސާވޭ" ފަށައިފިއެވެ.
މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑު ސަރަހައްދެއް ބަންދުކޮށްގެން ޖިއޯޓެކްނިކަލް ސާވޭގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ ސާވޭގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އިންޑިއާއިން ގެނެސްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
ޖިއޯ ޓެކްނިކަލް ސާވޭ ކުރުމަކީ އިމާރާތްކުރުމަށް ބޭނުންވާ ބިމުގައި ހިމެނޭ މާއްދާތަކާއި އެތަނުގެ ކްލައިމެޓަށް އަންނަ ބަދަލުތައް ބަލައި ދިރާސާ ކުރުމެވެ.
ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތަށް އިންޑަސްޓްރިއަލް ވިލެޖުގައި ކަޅުތުއްކަލާ ކޮށި ސަރަހައްދާ ދިމާލަށް އޮތް ހުސް ބިމާއި ވެމްކޯ ސައިޓާ ޖެހިގެން ދެކުނަށް އޮތް ބިމާއި ވެމްކޯ ސައިޓާ ޖެހިގެން އެތެރެއަށް އޮންނަ މަގުވެސް ވަނީ ހުސްކޮށް ކޮންކުރީޓް ބެރިތަކެއް ބަހައްޓައިފައެވެ.
މިއަހަރުގެ ކުރީކޮޅު ތިލަމާލެ ބުރިޖުގެ މަސައްކަތް ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ތިލަމާލެ ބުރިޖު އެޅުމަށް ހަދަންޖެހޭ ސާވޭއެއްގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުވެސް ކުރިއެވެ.
ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
ތިލަމާލެ ބުރިޖަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި ގުޅިފަޅު ތަަރައްގީކުރުން ވެސް ހިމެނޭ ބޮޑު ޕްރޮޖެކްޓެއްގެ އެއްބައެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން މަސައްކަތް ކުރިއަށްގެންދާ މި ބުރިޖުގެ ފުރަތަމަ ފިޔަވަހީގައި މާލެ އާއި ވިލިމާލެއާ ގުޅުވައިލާނެއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ދައުރު ނިމުމުގެ ކުރިން ފުރަތަމަ ފިޔަވަހި ނިންމައިލުމެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތް ފެށޭނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.