މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ، 58 ކާރާއި 180 ސައިކަލް ނައްތައިލުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ، ގަވައިދާ ހިލާފަށް މަގުތަކުގައި ޕާކު ކުރުމާ ގުޅިގެން، އެއްގަމު ދަތުރު ފަތުރުގެ ގާނޫނުގެ ދަށުން، ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ އުޅަނދުތައް ގާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހު ނައްތައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެތަކެތި ނައްތައިލުމަށްޓަކައި، ތިލަފުށްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
ގަވާއިދާ ހިލާފަށް މަގުތަކުގައި ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން މިދިޔަ މަހުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލުމާގުޅިގެން ގަވާއިދާ ހިލާފަށް މަގުތަކުގައި ޕާކުކުރުން އިންތިހާއަށް އިތުރުވެގެންދިޔަ އެވެ.
އެކަމުގެ ސަބަބުން އާއްމުންގެ ޝަކުވާ އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދު ފަހަރު ފުލުހުން ޓޯކުރަން ފެށިއެވެ.
މާލޭގައި ބޮޑުވެފައިވާ ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ސިޓީ ކައުންސިލުން އަންނަނީ މަސައްކަތް ތަކެއް ކުރަމުންނެވެ.
އެގޮތުން މެކޭނިކަލް ޕާކިން ސިސްޓަމްތައް ނަގައި އެ ތަންތަނުގައި ޕާކު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.