އަލީ ޔާމިން
މީހުން ނުހޯދާ ހިދުމަތަށް އާސަންދައަށް ބިލު ކުރުމުގެ ސަބަބުން ދެ ކުލިނިކެއް ސަސްޕެންޑުކޮށް، އެކަން ތަހުގީގުކުރަމުން އަންނަ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އާސަންދައިގެ ޖެނެރަލް މެނޭޖަރު އާމިނަތު ޒީނިއާ ރޭ ވިދާޅުވީ، އާސަންދައިގެ ހިދުމަތް ހޯދުމުން ފޯނަށް ނޮޓިފިކޭޝަނެއް ލިބޭ ހިދުމަތް ތައާރަފުކޮށް، މިވީ މަހެއްހާ ދުވަސްތެރޭގައި 325 ޝަކުވާ ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 15 ޕަސަންޓް މީހުން ޝަކުވާ ހުށަހަޅާފައިވަނީ ނުހޯދާ ހިދުމަތަކަށް ބިލުކޮށްފައިވުމުންނެވެ.
ޒީނިއާ ވިދާޅުވީ، ބައެއް ކުލިނިކުތަކުން އޮޅުވާލައިގެން ބިލު ކުރަމުންދާ ކަމަށާއި މިހާތަނަށް އެފަދަ ދެ ކުލިނިކެއް ފާހަގަވެ، އެތަންތަން ސަސްޕެންޑުކޮށް މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
"ބަލިމީހާ ހިދުމަތް ނުހޯދަނީސް، މި ނޮޓިފިކޭޝަން އަންނަނީ އާސަންދައިން ބޭސްފަރުވާއަށް ހިދުމަތެއް ހޯދައިފިކަމަށް. މި ޝަކުވާ އާސަންދައަށް ހުށަހެޅުމުން ދެ ކުލިނިކެއް އިންވެސްޓިގޭޓްކުރަމުން މިދަނީ،" ޒީނިއާ ވިދާޅުވިއެވެ.
ޒީނިއާ ވިދާޅުވީ، ބައެއް ކުލިނިކުތަކުން ބަލިމީހާ ހޯދި ހިދުމަތަށް ވާ ފައިސާ އެމީހެއްގެ އަތުންނާއި އާސަންދައިން ހޯދާ މައްސަލަތައް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ފާމަސީތަކުން ނުދޭ ބޭހަށް ބިލުކުރުންވެސް ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށާއި އެފަދަ މައްސަލަތަކުގައި މިދިޔަ އަހަރުވެސް އަށް ތަނެއް ސަސްޕެންޑުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.