ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއް ބާތިލުކޮށްފައި ވަނިކޮށް، އެ އަމުރާ އެއްގޮތަށް ފިނޭންސް މިނިސްޓްރީން ފައިސާ ޖަމާކުރި މައްސަލައިގައި އިހުމާލުވި މުވައްޒަފުންނަށް ފިޔަވަޅު އަޅަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ފިނޭންސް މިނިސްޓްރީއަށް އަންގައިފިއެވެ.
އޭޖީ އޮފީހުން މިއަދު ބުނީ ހައި ކޯޓުން މިދިޔަ އަހަރު ކުރި ހުކުމާ ގުޅިގެން އިހުމާލުވި މުވައްޒަފުންނަށް ފިޔަވަޅު އަޅަން އަންގައި، އޮޅިގެން ވިމަސް ކުންފުންޏަށް ޖަމާކޮށްފައިވާ 1.7 މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ވިމަސް މޯލްޑިވްސް އާއި ޕާފޯމަންސް ބިލްޑާސް އެންޑް ޑިވެލޮޕާސް ކޯޕަރޭޝަން (ޕީބީޑީސީ) އާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ވިމަސް މޯލްޑިވްސްގެ ފަރާތުން ޕީބީޑީސީއަށް ސަޕްލައިކޮށްދީފައިވާ ދޮންވެލީގެ އަގުގެ ތެރެއިން ނުލިބިވާ 72،500 ރުފިޔާ އާއި 2010 ވަނަ އަހަރުގެ މެއި މަހުގެ ފަހުން ފާއިތުވާ ކޮންމެ ދުވަހަކަށް ބާކީ އޮތް އަދަދުގެ ތިން ޕަސަންޓް އިންޓަރެސްޓުގެ ގޮތުގައި ދޭން އެއްބަސްވެފައިވާ ކަމަށް ބަޔާންކޮށް އެ ފައިސާ، ޕީބީޑީސީގެ ކިބައިން ހޯދުމަށް އެދި ވިމަސް މޯލްޑިވްސްގެ ފަރާތުން ހުށަހެޅުމުން ވިނލިގިލި މެޖިސްޓްރޭޓު ކޯޓުން ވަނީ އެ މައްސަލަ ބަލައިފައެވެ. އެ މައްސަލަ ބެލުމަށްފަހު މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ ދައުވާގައި އެދިފައިވާ ގޮތަށް ޕީބީޑީސީން ފައިސާ ދެއްކުމަށެވެ.
ހުކުމާ އެއްގޮތަށް ޕީބީޑީސީގެ ފަރާތުން ފައިސާ ނުދައްކައި ހުއްޓައި، ސުނާމީ ކާރިސާގެ ގެއްލުން ލިބުނު ގެތަކުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ޕީބީޑީސީން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާއަށް ދައުލަތުން ވަނީ ޒިންމާ ނަގައިފައެވެ. އެހެންވެ, ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ދައުލަތުގެ މައްޗަށް އަމުރެއް ނެރުނެވެ.
އެ އަމުރުގައި ބުނެފައިވަނީ ޕީބީޑީސީއަށް ސާބިތުވެފައިވާ ދަރަނި ދައުލަތުގެ ފަރާތުން ވިމަސް މޯލްޑިވްސް ކުންފުންޏަށް ދެއްކުމަށާއި އެ ފައިސާ ވިލިނގިލި މެޖިސްޓްރޭޓު ކޯޓުގެ އެކައުންޓަށް ޖަމާކުރުމަށެވެ. ނަމަވެސް ފަހުން ދައުލަތުން ވަނީ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެއީ އެ އަމުރު ނެރުނު އިރު، ދައުލަތަކީ އެ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވާތީއެވެ. ދައުލަތުން ހައި ކޯޓުގައި އެދުނީ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލުކޮށްދިނުމަށެވެ.
ދައުލަތުން އެދުނުގޮތަށް ހައި ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފައެވެ. ނަމަވެސް އޭގެ އަހަރުތަކެއް ފަހުން ފިނޭންސް މިނިސްޓްރީން ވަނީ ޕީބީޑީސީއިން ވިމަސް މޯލްޑިވަސް ކުންފުންޏަށް ދޭން ޖެހޭ ކަމަށް ސާބިތުވެފައިވާ 1.7 މިލިއަން ރުފިޔާ ވިލިނގިލި މެޖިސްޓްރޭޓު ކޯޓަށް ޖަމާކޮށްފައެވެ. އެ ފައިސާ ޖަމާކުރެވިފައިވަނީ އޮޅުމަކުން ކަމަށާއި ފައިސާ އަނބުރާ މޯލްޑިވަސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓަށް ޖަމާކޮށްދިނުމަށް މިނިސްޓްރީން ވިލިނގިލި މެޖިސްޓްރޭޓު ކޯޓުގައި ވަނީ ތަކުރާރުކޮށް އެދިފައެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން 2019 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު ހައި ކޯޓަށް ހުށަހެޅި އެ ހުކުމުގެ މައްސަލަ ބެލުމަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ހުކުމްކުރީ ވިލިނގިލި މެޖިސްޓްރޭޓު ކޯޓު ގާނޫނާ ހިލާފުވެފައިވާ ކަމަށާއި ވިލިނގިލި މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމް ގޯސް ކަމަށެވެ. އަދި ދައުލަތުގެ ފައިސާ ދޫކުރުމުގައި އިހުމާލުވި މުވައްޒަފުންނަށް ފިޔަވަޅު އަޅަން އޭޖީ އޮފީހަށް އެންގުމަށެވެ.