ޖަމާއަތުގެ ފައިދާއަށް ހާއްސަކޮށް ހިންގާ އެކި މަޝްރޫއުތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި އެކި މަޝްރޫއުތަކަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ރަށު ކައުންސިލް އިދާރާތަކުގެ ހިއްސާއޮންނަ ގޮތަށް ޖަމާއަތުގެ ފައިދާއަށް ހިންގާ މަޝްރޫއުތަކަށެވެ. އެގޮތުން މިނިސްޓްރީން މާލީ އެހީ ދިނުމަށް ނިންމާފައި ވަނީ ގަބުރުސްތާން ވަށައިފާރު ރޭނުން، މަގުބައްތި ޖެހުން، ނެރުބައްތި ޖެހުން، ހިނަވާގެ ބިނާކޮށްދިނުން އަދި ޕޭ ޓޮއިލެޓާއި ފެރީ ގިމަތަ ހެދުން ފަދަ އިޖްތިމާއީ މަސްލަހަތު ހިމެނޭ ފަދަ މަޝްރޫއުތަކަށެވެ. މިގޮތުން ކޮންމެ އަހަރަކުވެސް ކޮންމެވެސް އެއް މަޝްރޫއަކަށް ކައުންސިލްތަކުން މިނިސްޓްރީއަށް މާލީ އެހީތެރިކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ހުށައަޅާ މަޝްރޫއުތަކަށް ތިންލައްކަ ރުފިޔާއާ ހަމައަށް އެހީ ދިނުމަށް ހޯމް މިނިސްޓްރީން ވަނީ ނިންމައިފައެވެ.
ޖަމާއަތުގެ ފައިދާއަށް ހިންގާ އެކި މަޝްރޫއުތަކަށް މާލީ އެހީ ދިނުމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީހަކީ އަންނަ އޭޕްރީލް މަހު 14 ވަނަ ދުވަހުގެ 12:00އެވެ.