ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

އޯލް ސްޓާ ޓީމެއް މިއަހަރު، ދުނިޔޭގެ ވަރުގަދަ ކްލަބެއް އަންނަ އަހަރު ރާއްޖެ ގެންނަނީ

ދުނިޔޭގެ ކުރީގެ އެންމެ މަޝްހޫރު ކުޅުންތެރިން ހިމެނޭ "އޯލް ސްޓާ" ފުޓުބޯޅަ ޓީމެއް އަންނަ އޮކްޓޯބަރު މަހު ރާއްޖެ ގެންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، އަންނަ އަހަރު ދުނިޔޭގެ ވަރުގަދަ ކްލަބެއް ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

"އިންޓަރ ކޮންޓިނެންޓަލް ޔޫ 13" ފުޓުބޯޅަ މުބާރާތަށް ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން، މިވަގުތު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީވެސް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އަލީ ވަހީދު ވިދާޅުވީ، މި ކަމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ރާއްޖެ އިޝްތިހާރު ކުރުމަށް އަމާޒު ކޮށްގެން ކުރަންހަމަޖެހިފައިވާ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ދެ ޓީމުގެ ތެރެއިން މިއަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ ގެންނަ "އޯލް ސްޓާ" ޓީމުން ރާއްޖޭގެ ކުރީގެ މަޝްހޫރު ކުޅުންތެރީންގެ ޓީމަކާ އެކު މެޗެއް ކުޅޭނެ ކަމަށެވެ. އަދި އަންނަ އަހަރު ގެނައުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ވަރުގަދަ ފުޓްބޯޅަ ޓީމަކުން ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް މެޗެއް ކުޅޭނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރު ގެންނަ ޓީމު ވެގެންދާނީ، ދިވެހިންގެ މެދުގައި މަޝްހޫރު، އިނގިރޭސި ލީގު، ސްޕެއިން ލީގު ނުވަތަ އިޓާލިއަން ލީގުގެ ގަދަ ފަހެއްގައި ހިމެނޭނެ ޓީމަކަށެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ މި މެޗްތައް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ކުޅެވިފައިނުވާ ވަރުގެ ވަރުގަދަ މެޗްތަކަކަށް ކަމަށެވެ. އަދި މި މެޗްތައް ކުރިއަށް ގެންދާނީ ބައިނަލް އަގްވާމީ މީޑިޔާތަކާ ގުޅިގެން ކަމަށްވެސް ވިދާޅުވި އެވެ.

މިއަހަރާއި އަންނަ އަހަރު ބައިނަލް އަގުވާމީ ދެ ފުޓްބޯޅަ ޓީމު ރާއްޖެ ގެންނަން ހަމަޖެހިފައިވާއިރު، އިޓަލީއާ އެކު 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިންގެ ޓީމެއް 1997 ވަނަ އަހަރު ވަނީ ރާއްޖޭގެ ގައުމީ ޓީމާއެކު މެޗެއް ކުޅެފަ އެވެ. އަދި ޖަރުމަނުގެ ހާތާ ބާލިންއާ 2002 ގައި ގައުމީ ޓީމު ބައްދަލުކޮށްފައިވެ އެވެ.