މަގު ހުރަސްކުރަމުން ދިޔަ އަންހެނެއްގެ ގައިގައި ޖެއްސި މައްސަލައިގައި އެ ޓެކްސީ ދުއްވަން އިން ޑްރައިވަރުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވަން ފުލުހުން ނިންމައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ހިނގި އެ ހާދިސާ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގޮތުގައި ތަހުގީގު ކުރަމުން ކަމަށާއި މި މައްސަލަ ޕްރޮސިކިއުޓް ކުރުމަށް ވަރަށް އަވަހަށް ފޮނުވާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައިގައި ފުލުހުންގެ އެދުމަކަށް ޓްރާންސްޕޯޓުން ވަނީ ޓެކްސީ ޑްރައިވަރުގެ ލައިސަންސް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ހިފަހައްޓައިފައެވެ. މީގެ އިތުރުން ޓެކްސީ ޑްރައިވަރުގެ ޓެކްސީ ކުރުމުގެ ހުއްދަވެސް ވަނީ ބާތިލްކޮށްފައެވެ.
އެ ހާދިސާ ހިނގާފައި ވަނީ ސެނަހިޔާ ކުރިމަތީ އޮންނަ ކަފިހި ހުރަހުން ދެމީހަކު ހުރަސްކުރަން އުޅެނިކޮށް ކާރުގައި ޖެހިގެނެވެ. އެގޮތުން އެކެއްގެ ފައިގައި ޓެކްސީން ޖެހިފައިވާ އިރު، ސީރިޔަސް އަނިޔާތަކެއް ލިބިފައި ވަނީ ކާރުން ޖެހުނު މީހާއާ އެކު މަގު ހުރަސްކުރި ދެވަނަ މީހާއަށެވެ. ކާރުން ޖެހުނު މީހާ އަރިއަޅައިލި ވަގުތު އޭނާ ޖެހުނީ އެކުގައި މަގު ހުރަސްކުރަމުން ދިޔަ އަނެއް އަންހެންމީހާގެ ގައިގަ އެވެ. އެއާއެކު އެމީހާ އިދިފުށަށް ވެއްޓި، ގާގަނޑު މަތީގައި ބޯ ޖެހުމުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ފުލުހުން ޓެކްސީ ޑްރައިވަރުގެ މައްޗަށް ކުރަން ނިންމާފައިވާ އިރު ސޯޝަލް މީޑިއާގައި މި ޓެކްސީ ޑްރައިވަރުގެ އާންމު މައުލޫމާތާއި ފޮޓޯ އާންމުކޮށް ގިނަ ބަޔަކު އަންނަނީ ޑްރައިވަރަށް ދައުވާ ކުރުމަށް ގޮވާލަމުންނެވެ.