އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް 19 ކްލަބެއް ސޮއިކޮށްފައިވާ ކަމަށް ބުނެ ވިކްޓަރީ ސްޕޯޓްސް ކްލަބުން ފަތުރާފައިވަނީ ދޮގު މައުލޫމާތުތަކެއް ކަމަށާއި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދި ހުށަހަޅަން ޖެހޭ ގާނޫނީ އަދަދު ހަމަނުވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އެފްއޭއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މީޑިއާތަކަށް ދީފައިވާ މައުލޫމާތުގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ވިކްޓަރީން 19 ކްލަބެއްގެ ސޮއި ހޯދާފައިވާ ކަމަށް އެކްލަބުން މައުލޫމާތު ދިން ނަމަވެސް، އެފްއޭއެމްއަށް ފޮނުވި ސިޓީގައި ވަނީ 15 ކްލަބެއްގެ ސޮއި ކަމަށެވެ.
އެފްއޭއެމަށް ފޮނުވި ސިޓީގައިވާ 15 ކްލަބުގެ ތެރެއިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ސަސްޕެންޑްކޮށްފައިވާ ކްލަބެއް ކަމަށާއި ސޮއިކޮށްފައިވާ ފޯކައިދޫ ފުޓްބޯޅަ ކްލަބާއި ރޮކް ސްޓްރީޓަކީ އެސޯސިއޭޝަނުގެ މެމްބާޝިޕް ލިބިފައިނުވާ ދެ ކްލަބު ކަމަށް އެފްއޭއެމް އިން ބުންޏެވެ.
"އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލުކުރުމަށް ކަމަށް ބުނެ ވަކި ބައެއްގެ ލާބައާއި މަންފާއަށްޓަކައި ކުރެވޭ މިފަދަ ގާނޫނާއި ގަވާއިދާ ހިލާފު އެންމެހާ މަސައްކަތްތަކުގައި ބައިވެރިނުވާނެ ކަމަށާއި މިފަދަ އެއްވެސް ކަމެއް އެ ކްލަބުތަކުގެ ބައިވެރިވުން ނޯންނާނެ ކަމުގެ ޔަގީންކަން ހަތަރު ކްލަބަކުން ފޮނުވާފައިވާ ސިޓީތަކުން މި އެސޯސިއޭޝަނަށް ވަނީ އަންގައިފައެވެ.." އެފްއޭއެމުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އެފްއޭއެމުން ބުނީ އެ ކްލަބުތަކުގެ އެންމެހާ ކުޅުންތެރީންނާއި ސަޕޯޓަރުންގެ އަރިހުން ވެސް އެފަދަ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށް އެދިފައިވާ ކަމަށާއި އެހެންކަމުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށްޓަކައި ހުށަހަޅަންޖެހޭ ގާނޫނީ އަދަދު ހަމަނުވާކަން ވެސް ފާހަގަކުރާ ކަމަށެވެ. އަދި ކްލަބުތަކުން ހުށަހަޅާފައިވާ ސިޓީތަކާއި ވިކްޓަރީން ހުށަހަޅާފައިވާ ސިޓީ، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް އެފްއޭއެމް އިން ބުންޏެވެ.
ފުޓްބޯޅައިގެ މުއްސަނދި ތާރީހެއް އޮތް، ފުޓުބޯޅައަށް ނުހަނު އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ އަދި ކޮށްދެމުން އަންނަ ދިވެހިރާއްޖޭގެ އެންމެ މަތީ ފަންތީގައި ފުޓުބޯޅަ ކުޅޭ ކުލަބެއްގެ ފަރާތުން އެފަދަ ޒިންމާދާރުކަން ކުޑަ ގޮތަކަށް ހަގީގަތާ ހިލާފު ވާހަކަތައް މީޑިއާގައި ފަތުރަމުންދާތީ، އެކަމާ މެދު އެފްއޭއެމުން ނުހުނު ހިތާމަ ކުރާ ކަމަށާއި އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ދަންނަވާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.