ޚަބަރު

ގެއެއްގެ ނުވަވަނަ ފަންގިފިލާއިން ކަޓިންގް ބޯޑެއް ވެއްޓި މީހެއްގެ ބޯ ފަޅައިގެން ގޮސްފި

ގަލޮޅު ގެއެއްގެ ނުވަވަނަ ފަންގިފިލާއިން ކަޓިންގް ބޯޑެއް ވެއްޓި މީހެއްގެ ބޯ ފަޅައިގެން ގޮސްފިއެވެ.

މިރޭ 11:34 ހާއިރު ފުލުހުންނަށް ވަނީ މިކަން ރިޕޯޓުކޮށްފައެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ 58 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާ ލިބުނު މީހާގެ ބޮލުގެ ފުއްކިބައިން ދެ އިންޗިއެއް ހާތަން ފަޅައިގެ ގޮސް، އަދި ކަނާތު އުޅަނބޮށި ކައިރިން މަށައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ މީހާއަށް އައިޖީއެމްއެޗް އިން ފަރުވާދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ ގ. ކަނދުމާގެ ނުވަވަނަ ފަންގިފިލާގައި ދިރިއުޅޭ މީހެއް، އެ އެޕާޓްމަންޓުގެ ބަދިގެ ސެޓު ހުންނަ ދިމާލުގައި ހުރި ސްލައިޑް ކުރާ ކުޑަދޮރެއް ހުޅުވާލި ގަޑީގައި ކަޓިންގް ބޯޑު ވެއްޓިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.