ހދ. ހިރިމަރަދޫ އާއި އައްޑޫ ސިޓީ މަރަދޫގައި މިސްކިތެއް އެޅުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެެވެ.
މަރަދޫގައި މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރީ ބީއޭޕީސީ އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ. އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޒާހިރު އަލީއެވެ. އަދި ބީއޭޕީސީ އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުﷲ އެވެ.
ބީއޭޕީސީ އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ މިސްކިތް އެޅުމުގެ މަސައްކަތް ހަވާލުކުރީ 320 ދުވަހުން ނިންމާ ގޮތަށް 12.7 މިލިއަން ރުފިޔާއަށެވެ. އެ މިސްކިތުގައި އެއްފަހަރާ 500 މީހުންނަށް ނަމާދު ކުރުމުގެ ޖާގަ ހުންނަން ޖެހެއެވެ. އަދި އަންހެނުން ނަމާދުކުރަން ވެސް ހާއްސަ ޖާގައެއް ހުންނަން ޖެހެއެވެ. އަދި އެ މިސްކިތް އޭސީކުރުމަށް ހަމަޖެހިފައިވަނީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެންނެވެ.
ހިރިމަރަދޫގައި މިސްކިތް އެޅުމުގެ މަސައްކަތް ހަވާލުކުރީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެވެ. އެ އެއްބަސްވުމުގައި ވެސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޒާހިރެވެ. އަދި ވޭވް ލެންތުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ޖަލީލެވެ.
އެ މިސްކިތް އެޅުމަށް އެކުންފުންޏާ ހަވާލުކުރީ 8.7 މިލިއަން ރުފިޔާއަށް އެއް އަހަރުން ނިންމާ ގޮތަށެވެ. ހިރިމަރަދޫގައި އަޅަން ހަމަޖެހިފައިވަނީ 300 މީހުން ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތުގައި ވެސް އަންހެނުން ނަމާދުކުރަން ހާއްސަ ޖާގައެއް ހުންނަން ޖެހެއެވެ. އަދި މިސްކިތުގައި މުންނާރެއް ވެސް ހުންނަން ޖެހެއެވެ.