ހުޅުމާލޭގައި ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއެއް ބޮލަށް އެ އިމާރާތުގެ ފަސްވަނަ ފަންގިފިލާއިން ގަލެއް ވެއްޓި މަރުވެއްޖެ އެވެ.
މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 7:50ހާއިރު އެވެ.
ހުޅުމާލޭގައި އިމާރާތްކުރަމުންދިޔަ ކޮންސްޓްރަކްޝަން ސައިޓެއްގެ ފަސްވަނަ ފަންގިފިލާއިން ބޮލަށް ގަލެއް ވެއްޓި މަރުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. ފުލުހުންވަނީ އެއީ 44 އަހަރުގެ ފިރިހެނެއްކަމަށް މައުލޫމާތުދީފައެވެ.
އާސައިންދައިގެ ފަރާތުން މިކަމާ ގުޅެގޮތުން އިތުރަށް މައުލޫމާތުދިން ގޮތުގައި މި މީހާ ހުޅުމާލޭ ހޮސްޕިޓަލަށް މިރޭ 8 ޖެހި އިރު ފަރުވާ ދިނުމަށް ގެނައި އިރުވެސް ވަނީ މަރުވެފައެވެ. މިމީހާ މަރުވެފައިވަނީ ބޮލަށް ބޮޑެތި ޒަހަމްތައް ލިބިގެންކަމަށް އާސަންދައިގެ ފަރާތުން މައުލޫމާތު ދިނެވެ.
ފާއިތުވި ޑިސެމްބަރު މަހުވެސް ވަނީ ބޮލަށް އިމާރާތްކުރަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ލިބުން ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް ކުޑަކުއްޖަކު ނިޔާވެފައެވެ. އޭގެ ފަހުން މާލެ ސިޓީ ކައުންސިލްގެ އިތުރުން ކަމާ ބެހޭ އެކި އިދާރާތަކުން އިމާރާތްކުރަމުންގެންދާ ސައިޓުތަކުގެ ސަލާމަތީ ކަންކަން ބަލައި ރަނގަޅު ކުރަންވީ ކަންކަން އަންގާފައި ވީނަމަވެސް، މާލެ އަދި ހުޅުމާލޭގެ އިމާރާތްކުރުމުގެ މަސައްކަތްތަކަށް އެދެވޭ ބަދަލެއް ނާދެއެވެ.