މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓް ހިންގެވުމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި މޯލްޑިވްސް ސެކިޔުރިޓީޒް ޑިޕޮސިޓަރީ އުފެއްދުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ އިބްރާހީމް އަހުމަދު ނާސިރެވެ. އެމްއެމްއޭއިން ހާމަކުރިގޮތުގައި ނާސިރު މި މަގާމަށް އައްޔަންކުރައްވާފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.
ނަސީރު ވަނީ މޯލްޑިވްސް ސްޓޮކްއެކްސްޗޭންޖް އަދި މޯލްޑިވްސް ސެކިޔުރިޓީޒް ޑިޕޮސިޓަރީ، މި ދެ ކުންފުނީގެ ސީއީއޯގެ މަގާމުގައި ތިން އަހަރު ހިދުމަތް ކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ފުލުހުންގެ ހިދުމަތުގައި 11 އަހަރު ހިދުމަތްކުރައްވާފައެވެ. އަދި އެމްއެމްއޭގެ ކްރެޑިޓް ގެރަންޓީ ޔުނިޓްގެ ހެޑް އަދި އެޗްއެސްބީސީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރގެ ގޮތުގައި ވެސް މަސައްކަތްކުރައްވާފައެވެ.