އިބްރާހިމް ޒަކީ
ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވަައި ފެނުނު ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތު ވެ، ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް އާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލް އުމުރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ރޭ ހުކުމް ކޮށްފައިވާއިރު އެ މައްސަލައިން ސަލާމަތްވި ހަތަރު މީހުންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލީ، އޭނާ ދިރިއުޅުނު އިމާރާތް މ. ސްޕެޓީއުލާ ގޭ ސިޑި ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީގެންނެވެ.
އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން އުފުލިއެވެ.
އޭގެ ތެރޭގައި ހިމެނެނީ ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލްގެ އިތުރުން ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދެވެ.
ހައިޝަމުގެ މައްޗަށް މައްސަލަ ސާބިތު ވީ، ޔާމީން މަރާލަން ދިން ހަމަލާ ރާވައި، ޓާސްކުތައް ހަވާލުކޮށް އަމަލީ ގޮތުން އެކަން ކުރި ފަރާތް ކަމަށް ސާބިތު ވުމުންނެވެ. ޒިހާންގެ މައްޗަށް ކުށް ސާބިތުވީ، މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން އޭނާ ބައިވެރިވެފައިވާ ކަން ސާބިތުވެގެންނެވެ.
ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެއީ ދައުލަތުން ހުށަހެޅި ހެކިތަކުން ގަސްތުގައި މީހަކު މަރައިލި ކަން އެމީހުންގެ މައްޗަށް ސާބިތު ކުރުމަށް ބަލާ ރުކުންތައް ހަމަ ނުވާތީއެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހައިޝަމާއި ޒިހާންގެ މައްޗަށް ކުށް ސާބިތު ވާ ކަމަށް ކަނޑައެޅުމަކީ މި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ލިބުނު ކާމިޔާބީއެއް ކަމަށެވެ.
މި މައްސަލައިގައި އިތުރު ހަތަރު މީހުންގެ މައްޗަށް (ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނު)ގެ ފަސްވަނަ މާއްދާގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދަކީ، ވެސް ޔާމީން ރަޝީދު މަރާލުމުގެ އަމަލު ރޭވުމުގަ އާއި، އެކަން ތަންފީޒު ކުރުމުގައި އެކި މިންވަރަށް ބައިވެރިވާ ބައެއްކަން މައްސަލައިގެ ހެކި ގަރީނާއިން އެނގޭ ބައެެއް ކަމަށްވެސް ބުނެފައިވެއެވެ.
މި ހަތަރު މީހުންގެ މައްޗަށް ކުރި ދައުވާތައް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާތީ އެ ހުކުމް ދިވެހި ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ނިޔަތް އެބައޮތް ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އެހެންކަމުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން އެ ރިޕޯޓު ދިރާސާ ކުރުމަށްފަހު ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި މި ހަތަރު މީހުންގެ ބައި އިސްތިއުނާފު ކުރުމާމެދު ފަހު ނިންމުމެއް ނިންމާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޕީޖީ އޮފީހުން ބުނީ މި ފަދަ މައްސަލަތައް ވަރަށްސީރިއަސް މައްސަލަ ތަކުގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި މިފަދަ މައްސަލަ ތަކުގައި އިންސާފު ހޯދައިދިނުމަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ދެވެން އޮތް އެންމެ ދުރަކަށް ދާނެ ކަމަށްވެސް ބުނެފައިވެއެވެ.