ޚަބަރު

އެމްއެމްޕީއާރުސީގެ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރީ އެ ޗެކްތައް އެންޑޯރސް ކޮށްގެން: ބީއެމްއެލް

މަރިޔަމް ޝަހުދާ

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން، އެމްއެމްޕީއާރުސީގެ ނަމުގައި އެކި ފަރާތްތަކުން ދޫކޮށްފައިވާ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރީ އެ ޗެކްތައް އެންޑޯރސް ކޮށްގެން ކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ބުނެފިއެވެ.

ބީއެމްއެލް އިން މިގޮތަށް ހާމަކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ބީއެމްއެލްގެ ބައިވެރިވުން އޮތްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ އެކި ވާހަކަތަކާ ގުޅުވައިގެން ބީއެމްއެލް އިން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައެވެ.

މި ބަޔާނުގައި ބީއެމްއެލް އިން ވަނީ އެންޑޯރސް ކޮށްފައިވާ ޗެކެއް ޖަމާކުރުމަށް ބޭންކަށް ގެނައުމުން ބެންކުން ބަލާނީ އެ ޗެކް ދޫކުރި އެކައުންޓްގެ ވެރި ފަރާތުން ފުރިހަމަ ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށްފައި ވުމުގެ އިތުރުން އެ ޗެކަކީ ހުއްދަދެވިފައިވަ ގޮތަށް ސޮއިކޮށްފައިވާ ފުރިހަމަ ޗެކެއްކަން ކަމަށް ބުނެފައެވެ. އެގޮތުން 14 ފެބްރުއަރީ 2016ގައި އެންޑޯރސް ކޮށްފައިވާ ޗެކް ބަލައިގަތުން ބީއެމްއެލްއިން ހުއްޓާލުމާ ހަމައަށް ކަންކޮށްފައިވާނީ މިހެން ކަމަށް ބީއެމްއެލްއިން ހާމަކުރިއެވެ. އަދި އެސްއޯއެފް އެކައުންޓަށް ޗެކުތައް ޖަމަކޮށްފައިވަނީ މިއުސޫލުގެ ދަށުން ވަކި ތަފާތު ކުރުމެއް ނެތި ކަމަށް އެ ކުންފުނީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ބޯޑް ރިޒޮލޫޝަންގައި ޗެކެއް އެންޑޯސް ކުރުމުގައި ދެފަރާތުން ސޮއި ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާއިރު، އެސްއޯއެފް އެކައުންޓްތަކަށް ޖަމާކުރެވުނު ޗެކުތަކުގައި ސޮއިކޮށްފައި ވަނީ އެންމެ ފަރާތަކުންނެވެ. މިކަމާ ގުޅެ ގޮތުން މި ބަޔާނުގައި ބީއެމްއެލްއިން ވަނީ އެމްއެމްޕީއާރުސީގެ ބޯޑް ރިޒޮލޫޝަނަކީ އެ ކުންފުނީގެ ވެރިންނާއި މުވައްޒަފުން އެއަށް އަމަލުކުރުން ލާޒިމް ކުރާ އެއްޗަކަށްވީނަމަވެސް މިއީ ބޭންކުން އެންޑޯސް ކުރާ ޗެކެއް ޖަމާކުރުމުގައި އަމަލުކުރަން ޖެހޭ އަދި ބެލޭނެ އެއްޗެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ބީއެމްއެލްއިން ވަނީ އެމްއެމްޕީއާރުސީން އެންޑޯސް ކޮށްފައިވާ ޗެކެއް ޖަމާކުރާ އިރު ކުންފުނީގެ ބޯޑް ރިސޮލިއުޝަން ބޭނުން ނުވާނެކަމަށް ވިދާޅުވެފައެވެ. އަދި ކޮމްޕެނީ ރިސޮލިއުޝަނަކީ ކުންފުނީގެ ބޭންކް އެކައުންޓެއް ހުޅުވާއިރުގެ އިތުރުން ސީދާ ކުންފުނީގެ އެކައުންޓްތަކުގެ މުއާމަލާތްތަކަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މީގެ އިތުރުން އެސްއޯއެފުން ގިނަ އަދަދަކުން ބޭންކަށް ފައިސާ ޖަމާކުރަމުން ދިއުމާ ގުޅޭގޮތުން ބޭންކުން ސުވާލުނުކުރާކަމަށް ބުނާ ވާހަކަތަކަށް ވެސް ބޭންކުން ވަނީ ރައްދުދެއްވައިފައެވެ. އެގޮތުން މިގޮތަށް ސުވާލު ކުރަން ފެށުނީ 2014ގެ އޮކްޓޫބަރ މަހުން ފެށިގެން އެންޓި މަނީ ލޯންޑަރިންގ ގާނޫނާއި ގަވާއިދުތަކަށް އަމަލުކުރަން ފެށުނު ހިސާބުން ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ނިސްބަތުން ބޮޑެތި އަދަދުތަކުން މުއާމަލާތްތައް ހިންގާކަން ފާހަގަކުރެވި އެސްއޯއެފްގެ އެކައުންޓްތައް ވަރަށް ގާތުން މޮނިޓަރ ކޮށްފައިވާ ކަމަށްވެސް ބޭންކުން ހާމަކުރިއެވެ. އަދި 2014ގައި ނޮވެމްބަރ މަހުން ފެށިގެން އެމްއެމްޕީއާރުސީއާއި އެސްއޯއެފްގެ އެކައުންޓްތަކުގެ މުއާމަލާތްތައް ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކޮށްފައިވާނެކަމަށްވެސް ބީއެމްއެލްއިން ހާމަކުރެއެވެ.

ބޭންކުން ވަނީ މި މުއާމަލާތާ ގުޅިގެން ބޭންކުން އަދާކުރަންޖެހޭ ހުރިހާ ގާނޫނިީ ޒިންމާތަކެއް ބޭންކުގެ ފަރާތުންކޮށްފައިވާނެ ކަމަށާއި ޝައްކުކުރެވޭ މުއާމަލާތްތައް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓުކުރުމަކީ މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ބޭންކުގެ މައްޗަށް ލާޒިމްކުރާކަމެއްކަން ހާމަކޮށްފައެވެ. އަދިމިގޮތިތަށް އެމްއެމްއޭ ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާ ރިޕޯޓުތަކުގައި ބަޔާންކުރާ އެންމެހައި މައުލޫމާތުތައް ބަލައި އިތުރަށް އެމައުލޫމާތުތައް ދިރާސާ ކުރުމަކީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ޒިންމާއެއްކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްއިން ވަނީ އޮޑިޓަރ ޖެނެރަލް އޮފީހުން އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓަކަށް ބޭނުންވެގެން 2015ވަނަ އަހަރުގައި އެކި މައުލޫމާތު ދިން އިރު އެ މައުލޫމާތުތަކުގެ ތެރޭގައި އެސްއޯއެފްގެ މައުލޫމާުތު ހިމެނޭނެކަންވެސް މިބަޔާނުގައި ހާމަކޮށްފައެވެ. އަދި މި މައުލޫމާތު ހިމެނޭގޮތަށް އޮޑިޓަރ ޖެނެރަލް އޮފީހުން 2016 ވަނަ އަހަރު 4 ފެބްރުއަރީގައި ރިޕޯޓެއް ނެރެފައިވާ ކަމަށް ބޭންކުން ބުންޏެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލަ ރާއްޖެއަށް ފަޅާއަރުވާލި ގާސިމް އަބްދުލްކަރީމް މި މައުލޫމާތުތައް އާންމުކޮށްފައިވަނީ މި ރިޕޯޓު ނެރުމުގެ ފަހުން ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އޭސީސީން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ރިޕޯޓު މިދިޔަ ބުރާސްފަތި ދުވަހު އާންމު ކުރުމާ ގުޅިގެން ސޯޝަލް މީޑިއާތަކުގައި ގިނަ ބަޔަކު ވަނީ އެސްއޯއެފްގެ އެކައުންޓަށް ސުވާލެއް ނެތި ފައިސާ ޖަމާ ކުރުމާއި ވަގަށް ނެގި ފައިސާ އެސްއޯއެފުން އެކި މީހުންނަށް ޓްރާންސްފާ ކުރި އިރު ބޭންކުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތް ކަމަށް ބުނެ ބީއެމްއެލްއަށް އެތައް ފާޑުކިޔުންތަކެއް އަމާޒު ކުރުވާފައެވެ. މީގެ އިތުރުން ގިނަ ބަޔަކު ވަނީ ބޭންކުން އަމަލުކޮށްފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ވެސް ތުހުމަތުކޮށްފައެވެ.