ޚަބަރު

ބައި-އިލެކްޝަންތަކަށް ރީ-ރަޖިސްޓަރީވުމަށް ހުޅުވާލައިފި

އަލީ ޔާމިން

ބައި-އިލެކްޝަންތަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ)އިން ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ރޭ ބުނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ބައި-އިލެކްޝަންތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ހަތަރު ބައި-އިލެކްޝަނެއް އީސީން ބާއްވާނެއެވެ. އެއީ ހުސްވެފައިވާ ކޮމަންޑޫ ދާއިރާއިގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ތ.ވިލުފުށްޓާއި ގއ. ގެމަނަފުށްޓާއި ހއ. ތަކަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ހުސައިން ވަހީދު ކެންސަރުގެ އަލާސްކަންފުޅަށް ފަރުވާހޯއްދަވަނިކޮށް އަވަހާރަވުމާ ގުޅިގެންނެވެ. އެދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ އިތުރުން އަލަށް އުފައްދާފައިވާ އެމްއެންޕީން ވާދަކުރެއެވެ.

ބައި-އިލެކްޝަންތަކުގެ ވޯޓާސް ލިސްޓު އާންމުކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިިދިޔަ އަންގާރަ ދުވަހަށް ވަނީ ހަމަވެފައެވެ.