ޚަބަރު

ވިލިނގިލީގައި މީހަކު މަރާލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރޭ: ޕޮލިސް

ގއ. ވިލިނގިލީގައި މީހަކު މަރާލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ހާމަކޮށްފައިވަނީ އެކި މީޑިއާތަކުގައި މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ހަބަރު ގެނެސްފައިވާ ހަބަރަކާ ގުޅިގެންނެވެ. ނަމަވެސް އެމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފައިވާކަމަށް މަރުވި މީހާގެ އާއިލާގެ މެމްބަރަކު ވަނީ “ވަން އޮންލައިން”އަށް ކަށަވަރުކޮށްދީފައެވެ.

މިގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހަރުގެ ބެލެހެއްޓުމާ ހަވާލުވެހުރި މީހާ ކަމަށް މައުލޫމާތު ލިބެއެވެ. އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހަސަން ސައީދު، ގއ. ވިލިނގިލި، ސައިސުން އެވެ.

މަރުވެފައިވާ މީހާގެ ހަށިގަނޑު މިއަދު ހެނދުނު ވިލިނގިލީގައި ޕެޓްރޯލުކުރަމުން ދިޔަ ފުލުހުންގެ ބަޔަކަށް ފެނިފައިވަނީ ހަރުގެ ތެރޭގައި އޮއްވައެވެ. މި ހަރުގެ އަކީ ރަށުގައި މީހުން އުޅެ ހިސާބާ ދުރު ހިސާބެއްގައި ހުންނަ ތަނެކެވެ.