އަލީ ޔާމިން
"މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް" ގެ ނަމުގައި އިދާރާއެއް އުފައްދައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފެއްދެވި އެ އިދާރާ ހިންގާނީ ޑިފެންސް މިނިސްޓްރީގެ ދަށުންނެވެ.
ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި، މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސްއަށް ލިޔާ ސިޓީއަށް ހާއްސަކޮށްފައިވާ ނަންބަރަކީ 487 އެވެ.
މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސްގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުތަކުގެ ހައިޑްރޯގްރަފިކް ސާވޭތައްކޮށް، މައުލޫމާތު އެއްކޮށް ބެލެހެއްޓުމާއި ކަނޑުތަކުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަކާއި ރަށްތަކަށާއި ގިރިފަރުތަކާއި ކަނޑުފަޅުތަކަށް އަންނަ ބަދަލުތައް ދެނެގަތުން ހިމެނެއެވެ. އޭގެ އިތުރުން ސަރަހައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަދާހަމަކޮށް އާންމުކުރުމާއި، ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިއުކޮށް އަދާހަމަކުރުން ވެސް ހިމެނެއެވެ.
"މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް" ގެ ނަމުގައި އިދާރާއެއް އުފެއްދި އިރު، ސަރުކާރުން ވަނީ ރާއްޖޭގެ ޗާޓު ކުރެހުމަށް އިންޑިއާއާއެކު ހައިގްރޯގްރަފީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ ޗާޓު ވިއްކައިގެން އިންޑިއާއަށް ބޮޑު ފައިދާއެއްވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުން އެ ޗާޓުތައް އިންޑިއާއިން ރާއްޖޭގައި ވިއްކާ ނަމަ، ދިވެހި ސަރުކާރަށް 25 ޕަސެންޓުގެ ކަމިޝަނެއް ލިބޭ އިރު، އިންޑިއާ އިން އެ ޗާޓުތައް ބޭރު ފަރާތްތަކަށް ވިއްކާ ނަމަ، ރާއްޖެއަށް ލިބޭނީ ރޯޔަލްޓީގެ ގޮތުގައި ލިބޭ 25 ޕަސެންޓް އެކަންޏެވެ.