ގއ. ވިލިނގިލީގައި މަރާލި މީހާގެ ހަށިގަނޑު އޮތް ހަރުގެ ބެލެހެއްޓުމާ ހަވާލުވެ ހުރި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. ނަމަވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ މައްސަލައިގައި ސުވާލުކުރުމަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ހަރުގެ ބެލެހެއްޓުމާ ހަވާލުވެ ހުރި މީހާ ހައްޔަރުކުރުމަށް ފަހު އަދި އޭނާ ދޫކޮށްލާފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހަސަން ސައީދު، ގއ. ވިލިނގިލި، ސައިސުން އެވެ.
އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތެއް ވަނީ ނުވެފައެވެ.
މިއަދު ހެނދުނު ވިލިނގިލީ ހަރުގެއިން އެ މީހާގެ ހަށިގަނޑު ފެނިފައި ވަނީ ވިލިނގިލީގައި ޕެޓްރޯލުކުރަމުން ދިޔަ ފުލުހުންގެ ބަޔަކަށެވެ. ފުލުހުން ވަނީ އޭނާގެ ހަށިގަނޑުން ފިހިފައި ހުރި ނިޝާންތަކެއް ފާހަގަ ކުރެވިފައިވާ ކަމަށާއި އެ ޒަހަމްތަަކަކީ ތޫނު އެއްޗަކުން ދީފައިވާ އަނިޔާތަކެއްގެ ސަބަބުން ވެފައިވާ ޒަހަމްތަކެއް ކަމަށް ނުބެލެވޭ ކަމަށް މައުލޫމާތު ދީފައެވެ.