މަސައްކަތްތައް ދައުލަތުގެ އެހެން ކުންފުނިތަކަށް ބަދަލުކުރުމުގެ ސަބަބުން ނުވަ ކުންފުންޏެއް އުވައިލުމުގެ މަރުހަލާ ފިނޭންސް މިނިސްޓްރީން ފަށައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ވަނީ އުވާލާ ކުންފުނިތަކުގެ ލިސްޓު އާންމުކޮށްފައެވެ. އެ ކުންފުނިތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން އުފެއްދި ސަރުކާރު ހިއްސާވާ ކުންފުނިތަކެކެވެ.
އެ ނުވަ ކުންފުނީގެ ތެރެއިން ގިނަ ކުންފުނިތަކުގެ މަސައްކަތް ބަދަލުވީ، ސަރުކާރުގެ ސިޔާސަތަށް އައި ބަދަލުތަކުގެ ސަބަބުންނެވެ. އެގޮތުން އެމްއެންބީސީގެ މަސައްކަތް ބަދަލުވީ ދައުލަތުގެ މީޑިއާއާ ބެހޭ ގާނޫނެއް ފާސްކޮށް، އެ ގާނޫނުގެ ދަށުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އުފައްދައި، ދައުލަތުގެ މީޑިއާ އެކުންފުންޏާ ހަވާލުކުރުމުންނެވެ.
ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑާއި ކޫއްޑޫ ފިޝަރީޒް ލިމިޓެޑް އުފެއްދުމުގެ ކުރިން ވެސް ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އާއި ކޫޫއްޑޫ ހިންގީ މިފްކޯއިންނެވެ. ސަރުކާރު ބަދަލުވުމަށްފަހު އެ ދެ ފެކްޓަރީގެ މަސައްކަތް ވަނީ އަލުން މިފްކޯގެ ދަށަށް ބަދަލުކޮށްފައެވެ.
ވޯކްސް ކޯޕަރޭޝުން ކުރަމުން އައި މަގުތައް މަރަމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ފަހުން ބަދަލުވީ އެމްއާރުޑީސީއަށެވެ. އެކުންފުނިން ވެސް އެ މަސައްކަތް ވަކިކޮށް، މިހާރު އެ މަސައްކަތް ހަވާލުކޮށްފައި އޮތީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން އުފެއްދި ގަން އެއާޕޯޓު ކޮމްޕެނީ ލިމިޓެޑުގެ ބަދަލުގައި އެ އެއާޕޯޓު މިހާރު ހިންގަނީ ސަރުކާރުގެ ހިއްސާ އޮންނަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑުންނެވެ.