ޚަބަރު

ޔޫތު މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން އަލީ ވަހީދާ ހަވާލުކޮށްފި

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ހިންގުން ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ހަވާލުކޮށްފިއެވެ.

ޔޫތު މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން އަލީ ވަހީދާ ހަވާލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށް ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އަލީ ވަހީދާ ވަގުތީ ގޮތުން ޔޫތު މިނިސްޓްރީ ހިންގުމަށް ހަވާލުކޮށްފައިވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހުލޫފަށް ރައީސް ސޯލިހު ގޭގައި މަޑުކުރުމަށް އަންގާފައި ވުމުންނެވެ.

ފާއިތުވި ބުރާސްފަތި ދުވަހު ރައީސް ސޯލިހު މަހުލޫފަށް ގޭގައި މަޑު ކުރުމަށް އަންގާފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެސްއޯއެފްގެ އެކައުންޓުން ދޫކުރި ފައިސާގެ މައްސަލައާ ގުޅިގެން އެމައްސަލަ ތަހުގީގުކޮށް ވަކި ގޮތަކަށް ނިމެންދެނެވެ. ބުރާސްފަތި ދުވަހު އޭސީސީން އާންމު ކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގީ ރިޕޯޓުގައި ވާގޮތުން އެސްއޯއެފް ކުންފުނިން ވަނީ މަހުލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައެވެ.