މަޖީދީމަގު އޮލިމްޕަސް ކައިރިން ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މަންޒަރު ދުށް މީހަކު "ވަން"އަށް މައުލޫމާތު ދެމުން ބުނީ ގްރޫޕަކުން އައިސް އެ ޒުވާނާއަށް ހަމަލާދީފައިވާ ކަމަށެވެ. އެ ހަމަލާގައި ޒަހަމްވެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ޒުވާނެއް ކަމަށް މައުލޫމާތު ލިބެއެވެ.
އެ ޒުވާނާގެ މޭމަތީގެ ދެ ތަނަކަށާއި އަތަށް ހަމަލާދީފައިވާ ކަމަށާއި އޭނާއަށް ހަމަލާދީފައިވަނީ އޮލިމްޕަސްއާ ޖެހިގެން އިންނަ ހަނި ގޯޅިގަނޑުން ސައިކަލްގައި ނުކުންނަނިކޮށް ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.
އެ ހަމަލާގައި ގިނަ ޒަހަމްތަކެއް ލިބުނު ޒުވާނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާއަށް ހަމަލާދިން ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުރިތަން ފެނެއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި ވެސް ދެ ޒުވާނަކަށް ހަމަލާދީ ވަނީ ޒަހަމްކޮށްލައިފައެވެ. އޭގެ އެއް ޒުވާނެއްގެ ހާލު ސީރިއަސްވެގެން މާލެ ގެނެސް، އައިޖީއެމްޗްގައި ދަނީ ފަރުވާދެމުންނެވެ.
މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އެމްއެމްއޭ ސަރަހައްދުގައި މީހަކަށް ހަމަލާދީ މަރާލާފައިވެއެވެ.