ޝަހީދާ އަބްދުﷲ ސައީދު
ހދ. ވައިކަރަދޫ ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާ، ކައުންސިލުން ހިއްސާކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވި ކަމަށެވެ.
އަދި، މިހާރުން މިހާރަށް ރަށަށް ބޭނުންވެފައިހުރި ކަންކަމާއި ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަން މެންބަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުއްވި ކަމަށެވެ.
އެގޮތުން ހދ. އަތޮޅު މަދަރުސާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ނަރުދަމާގެ ނިޒާމު ގާއިމުވެފައި ނެތުމުން ކުރިމަތިވާ ދަތިތަކާއި ރަށުގެ އިންޖީނުގެ ރަށުގެ މެދުގައި ހުރުމުން ދިމާވާ އުނދަގޫތަކުގެ އިތުރުން ކަރަންޓަށް ދިމާވާ މައްސަލަތައް ކައުންސިލުގެ ބޭފުޅުން ހާއްސަ ގޮތެއްގައި ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވައިކަރަދޫ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އަދި މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތައް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.