ރިފާ ހަލީލު
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ގެނައުމަށް އިނގެރޭސި ބަހުން އޮތް އަމުރަކަށް މިހާތަނަށް ފުލުހުން އެދިފައި ނުވާ ކަމަށް ކުރިމިނަލް ކޯޓުން ބުނެފި އެވެ.
ޖިންސީ ފުރައްސަރާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ދައުލަތުން ވަނީ އަލީ ވަހީދުގެ މައްޗަށް ކޮށްފައެވެ. އެ ދައުވާތައް ކޯޓުގައި ކުރިއަށް ދަނިކޮށް އަލީ ވަހީދު ވަނީ ބޭސް ފަރުވާއަށް ކަމަށްބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އޭނާ ރާއްޖެއިން ފުރަން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ވުމުންނެވެ. ޖާމިނު ވުމުގެ އެއްބަސްވުމުގައި އަޑުބަރޭ އިގުރާރުވީ ހަތަރު މަސް ދުވަސް ފަހުން އަލީ ވާހިދު ރާއްޖެ ގެންނާނެ ކަމަށާއި، އަދި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.
ނަމަވެސް މުއްދަތު ފަހަނަ އަޅައިގެން ދިޔައިރުވެސް އަލީ ވަހީދު ކޯޓަށް ހާޒިރު ނުވާތީ އަޑުބަރޭ އާ މެދު ފިޔަވަޅު އަޅަން ވަނީ ނިންމާފަ އެވެ. އެކަމަކު ކޯޓު ރިސެސް އަކަށް ދިޔުމުން އޭނާއާ މެދު އަދި ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
ކޯޓުން ވަނީ އިންޓަޕޯލް މެދުވެރިކޮށް އަލީވަހީދު ބަންދުކޮށްގެން ގެނައުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފަ އެވެ.
ފުލުހުންގެ މީޑީއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އަލީ ވަހީދު ނުގެނެވި ލަސްވަނީ އިންޓަޕޯލް އަށް ބޭނުންވާ މައުލޫމާތު ހިމެނޭހެން އިނގިރޭސި ކޯޓު އަމުރެއް ނުލިބިގެން ކަމަށެވެ. އަދި ދެ ފަހަރެއްގެ މަތިން އިނގިރޭސި އަމުރަކަށް އެދި ކޯޓަށް ސިޓީ ހުށަހަޅާފައިވާނެ ކަމަށްވެސް އޮފިސަރު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން "ވަން" އިން މިއަދު ކުރިމިނަލް ކޯޓަށް ގުޅުމުން އެ ކޯޓުގެ މީޑިއާ އޮފިސަރު ވިދާޅުވީ އިނގިރޭސި ކޯޓު އަމުރަކަށް އެދި ފުލުހުން މިމަހުގެ 13 ވަނަ ދުވަހާ ހަމަޔަށް އެއްވެސް ގޮތަކުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އަމުރު ބޭނުންވާކަންވެސް މައްސަލަ ބައްލަވާ ގާޒީ އަށް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
މިކަމުގައި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަލީ ވަހީދު ވިދާޅުވި މުއްދަތަށް އޭނާއަށް ހާޒިރު ނުވުމުން އޮންލައިންކޮށް ޝަރީއަތްތައް ބާއްވައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް އޮންލައިންކޮށް އަލީ ވަހީދުގެ ޝަރީއަތްތައް ނުގެންދަން ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ޝަރީއަތްތައް އެގޮތަށް ބޭއްވުން ވަނީ ހުއްޓާލައިފައެވެ.
އޭގެ ފަހުން ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް އެންގި ނަމަވެސް ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ކަނޑައަޅައި ދެ މަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލާން ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.