މުހައްމަދު އައުޒަމް
ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުގެ ރޭ މާލޭގައި އިދިކޮޅު އިއްތިހާދުން ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިންކަން ސާބިތުވެ، މިހާރު ޖަލުގައި ހުރި ހަމައެކަނި ގައިދީ ކަމަށްވާ ސ. ހުޅުދޫ، އޮސްޓްރޭލިއާ އިބްރާހިމް އިބާދު ކަފާލާތުގެ ދަށުން ދޫކޮށްލެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
ހައިކޯޓުން އެގޮތަށް ނިންމީ އިބާދު ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި އޭނާގެ ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު އެ ކޯޓަށް ހުށަހެޅުމުންނެވެ.
ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ޚޫރުޝީދާ ސޮއިކުރައްވައި ވަކީލު ނާޒިމަށް މިއަދު ފޮނުވި އެންގުމުގައި ވަނީ ކްރިމިނަލް ކޯޓުން އިބާދަށް އިއްވި ހުކުމުގެ އިސްތިއުނާފު ނިމެންދެން އެ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށް އެދި ހުށަހެޅި ސަބަބުތަކަށް ބާރުލިބޭފަދަ ހެއްކެއް ހުށަހަޅާފައިނުވާ ކަމަށެވެ.
އެހެންކަމުން އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވާ ކަމަށް އެ އެންގުމުގައިވެއެވެ.
އިބާދަށް ކްރިމިނަލް ކޯޓުން 2016 ވަނަ އަހަރު އިއްވާފައި ވަނީ ހަތް އަހަރުގެ ޖަލު ހުކުމެވެ. އިބާދަކީ ފުލުސް މީހާ ޗާންދަނީމަގު އިސްކަންދަރު ސްކޫލް ކައިރިއަށް ވައްޓާލާފައި އޮއްވައި އޭނާގެ ހެލްމެޓު ނަގައި އެއިން އޭނާއަށް ހަމަލާދިން މީހާއެވެ.
އެ މައްސަލާގައި ދައުވާކުރި ބައެއް މީހުން ވަނީ އެކި ފަހަރުމަތިން މިނިވަންކޮށްފައެވެ. އެ މައްސާލަގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް، އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ގ. ކީމާ، އަބްދުﷲ ރަޝީދު ވަނީ ނިޔާވެފައެވެ.