ވައްކަމާއި ފޭރުން

މޫނު ނިވާކޮށްގެން ހުރި މީހަކު ވަޅީން ބިރުދައްކައި، ޖަމާކުރަން ގެންދިޔަ ފައިސާތަކެއް ފޭރިގެންފި

ޝަހީދާ އަބްދުﷲ ސައީދު

ހުޅުމާލޭގައި މޫނު ނިވާކޮށްގެން ހުރި މީހަކު ވަޅީން ބިރުދައްކައި، ޖަމާކުރަން ގެންދިޔަ ފައިސާތަކެއް ފޭރިގެންފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ހުންނަ ''ރޫޓު'' ފިހާރައިން ބޭންކަށް ޖަމާކުރުމަށް ގެންދިއުމަށްޓަކައި، އެ ފައިސާ ހިފައިގެން ވޭނަށް އަރަން އުޅެނިކޮށް، މޫނު ނިވާކޮށްގެން ސައިކަލެއްގައިހުރި މީހަކު އައިސް ވަޅިން ބިރުދައްކައި، ފައިސާ ފޭރިގެންފައިވާކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މިއަދު 10:20 ހާއިރު ކަމަށާއި އެމައްސަލައިގައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި ފޭރުމުގެ އެހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައި ހުރި ރޫޓު ފިހާރަކައިރީގައި ކަމަށް ފުލުހުން ބުންޏެވެ.

ފޭރުމުގެ މައްސަލަތައް ފަހަކަށް އައިސް އިތުރުވަމުންދާތީ، ގިނަ އަދަދެއްގެ ފައިސާ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުން ދަނީ އަބަދުވެސް އިލްތިމާސް ކުރަމުންނެވެ.

އެގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ކުންފުނިތަކާއި ފިހާރަތަކުން ގިނަ އަދަދެއްގެ ފައިސާ އާއި ޗެކު، އެއްތަނުން އަނެއްތަނަށް ގެންދާއިރު މާލޭގައި ނަމަ 9980068 ނަމްބަރަށް ގުޅައި، ފުލުހުންގެ ސެކިއުރިޓީގެ އެހީ ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ހުޅުމާލެއިން ނަމަ 9790089 ނަމްބަރަށް ނުވަތަ 4000007 ނަމްބަރަށް ގުޅައިގެން ފުލުހުންގެ އެހީތެރިކަން ހޯދުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.