ޚަބަރު

ޔޫއެން އިސްލާހުކުރަން އަޅުގަނޑުމެން ބޭނުންވޭ : ރައީސް ނަޝީދު

އދ. މަޖިލިސް އިސްލާހު ކުރަން ބޭނުންފުޅުވާ ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ކްލައިމެޓް ޑިޕްލޮމަސީ ވޯކްޝޮޕް ފަށްޓަވައި ދެއްވުމަށް، ބ. ދިގުފަރު އައިލެންޑް ރިސޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ބައިނަލްއަގުވާމީ ގޮތުން ދައްކަނީ ހުސް ވާހަކަތަކެކެވެ.

އެގޮތުން އެމަނިފާނު ވިދާޅުވީ 2009 ވަނަ އަ އަހަރު ބޭއްވި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސްގައި ވެސް ކުރިއަށްދިޔައީ ވާހަކަތަކެކެވެ. އަދި އޭގެ އަށް އަހަރު ފަހުން މިހާރުވެސް ދެކެވެނީ ހުސްވާހަކަތަކެކެވެ.

އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމާ ބެހޭ މުއާހަދާ "ޔޫއެން ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް" އިސްލާހު ކުރަންޖެހޭ ކަމަށާއި އެއާއެކު އދ. ވެސް އިސްލާހް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެއްވެސް ނަތީޖާއެއް ނުލިބި ހުސް ވާހަކަތަކެއް ދައްކަން ނުތިބެވޭނެ ކަމަށާއި، ކަންކަން އިސްލާހް ކުރަންޖެހޭ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ގައުމުތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރެއްވުމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ސަރުކާރުންނާއި އެމަނިކުފާނުގެ ސަރުކާރުން ކުރެއްވި ކަންތައްތައް ފާހަގަ ކުރެއްވި އެވެ.

އަދި ކޮންމެ ވެރިކަމެއްގައިވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކުރަން ޖެހިފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުކަންދޭ ގޮތެއްގައި ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.