އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމުގެ ކުރިން ޑްރައިވިން ސްކޫލެއްގައި ވަކި ވަގުތެއް ވަންދެން ދުއްވަން ދަސްކުރަން ލާޒިމުވާ ގޮތަށް ހަމަޖައްސައިފިއެވެ.
މީގެ ކުރިން އޮންނަ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ދޭ ދުއްވުމުގެ އިމްތިހާނު (ޑްރައިވިން ލައިސަންސް) ފުރިހަމަކުރުމުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބެއެވެ. އަދި ލައިސަންސް ނެގުމަށް ޑްރައިވިން ސްކޫލެއްގައި ބައިވެރިވެގެން ދުއްވަން ދަސްކުރިޔަސް ވަކި މުއްދަތެއް ވަންދެން ދަސްކުރަން ދުއްވުން ކުރިން ލާޒިމެއް ނޫނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު، "ޑްރައިވިން ސްކޫލް ހިންގުމާއި ޑްރައިވިން އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދު" ގައި ބުނީ، ލައިސަންސް ނެގުމަށް ދުއްވަން ދަސްކުރާއިރު ޑްރައިވިން ސްކޫލެއްގައި ވަކި ވަގުތެއް ވަންދެން އުޅަނދު ދުއްވަން ދަސްކުރަން ޖެހޭނެ ކަމަށާއި ލައިސަންސް ހޯދަން ހުށަހަޅާއިރު އެކަމުގެ ރެކޯޑުތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އާ ގަވައިދުގައިވާ ގޮތުން، ޑްރައިވިން ސްކޫލުގައި ދުއްްވަން ދަސްކުރާއިރު އެކި ބާވަތުގެ އުޅަނދުތައް ދުއްވަންޖެހޭ މުއްދަތު ތަފާތެވެ.
އާ ގަވައިދުގައިވާ ގޮތުން، ސައިކަލު ދުއްވަން ދަސްކޮށްދިނުމަށް ގިނަވެގެން ނެގޭނީ 1،500 ރުފިޔާއެވެ. ކާރު ދުއްވަން ދަސްކޮށްދިނުމަށް ގިނަވެގެން ނެގޭނީ، 2،500 ރުފިޔާއެވެ. އަދި ޕިކަޕާއި ވޭން ފަދަ އުޅަނދު ދުއްވަން ދަސްކޮށްދިނުމަށް ގިނަވެގެން ނެގޭނީ 3،000 ރުފިޔާއެވެ. އާ ގަވައިދުގައި ބުނީ، އެ ގަވައިދާ ހިލާފުވާ ޑްރައިވިން ސްކޫލުތަކުގެ ލައިސަންސް ބާތިލުކުރުމުގެ ބާރު ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބިގެންވާ ކަމަށެވެ.
ގަވާއިދުގައިވާ ގޮތުން، ސައިކަލު ނޫން އެހެން އުޅަނދުތައް ދުއްވަން ދަސްކުރާ އިރު، އުޅަނދުގެ ތެރޭގައި ކެމެރާ ހަރުކޮށްފައި ހުންނަން ޖެހޭނެއެވެ.