ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

އިހަވަންދޫ ސްކޫލުގެ އިސްވެރިންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

ހއ. އިހަވަންދޫ ސްކޫލްގެ އިސްވެރީންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި އިހަވަންދޫ ސްކޫލްގެ އިސްވެރީންވަނީ ސުކޫލުގެ 50 އަހަރުގެ ތާރީޚުގައި ހޯދާފައިވާ ކާމިޔާބީތަކާއި ސްކޫލްގެ ތަރައްގީގައި ރަށުގެ ރައްޔިތުން ވެފައިވާ ހިއްސާ ފާހަގަކުރައްވައިފައެވެ.

އަދި ރާއްޖޭގައި ނަންވިދާލާ ސްކޫލަކަށް އިހަވަންދޫ ސްކޫލް ހެދުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށާއި ކުރިއަށް އޮތްތާނގައި ސްކޫލް އިތުރަށް ތަރައްގީކުރުމަށް ޓަކައި ފުރިހަމަކުރަން ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ނައިބު ރައީސާ ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އަދި މިއަހަރަކީ ސްކޫލްގެ 50 ވަނަ އަހަރީދުވަސް ފާހަގަކުރާ އަހަރަށް ވުމާއެކު އެކަމުގެ އިހުތިފާލުތައް ކުލަގަދަކޮށް ކުރިއަށް ގެންދިއުމަށް ޓަކައި ސްކޫލްގެ ބެލެނިވެރިންނާއި މުވައްޒަފުން ގުޅިގެން ގިނަ ހަރަކާތްތަކެއް ރާވަމުން އަންނަ ކަންވެސް އިހަވަންދޫ ސްކޫލްގެ ފަރާތުން ފާހަގަ ކުރެއްވިއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ތައުލީމީ ދާއިރާ ކުރިއަރުވައި ތައުލީމީ ޖީލެއް ބިނާ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މުހިންމު މަސައްކަތްތަކެއްކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު މިންވަރެއް ހަމަޖެހިފައިވަނީ ތައުލީމީ ދާއިރާއަށްކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އަދި އިހަވަންދޫ ސްކޫލަށް ބޭނުންވެފައި ހުރި ކަންކަމުގައި އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުރިއަށް ދިއުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވަމުން ގެންދަވާނެކަން ފާހަގަކުރެއްވިއެވެ.