ރައީސް ޔާމީން

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ރާއްޖެއަށް ވަރަށް ނުރައްކާތެރިކަމެއް: ރައީސް ޔާމީން

އިބްރާހިމް ޒަކީ

1

އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ރާއްޖެއަށް ވަރަށް ނުރައްކާތެރި ކަމެއްކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ލ. މާވަށު ދާއިރާގެ މަޖިލިިސް އިންތިހާބަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސއީދުއަށް ތާއީދު ހޯއްދެވުުމުގެ ގޮތުން ސައީދު ހިމެނިވަޑައިގަންނަވާ ގޮތަށް ފޯނުމެދުވެރި ކުރައްވައި އެރަށުގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

"އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ރާއްޖެއަށް ވަރަށް ނުރައްކާތެރިކަމެއް. ހަމައެކަނި ނުރައްކާތެރިވަނީ އަޅުގަނޑަކަށެއްނޫން. އަޅުގަނޑަށް މިހާރުވެސް އެބަ ދުއްތުރާ ކުރޭ. އެކަމަކު އެމީހުންނަށް އާ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ކަމަށްވަންޏާ ހަމަ ވަރަށްބޮޑަށް ކަންތައްތައް ބަދަލުވެގެންދާނެ، އެހެންވީމާ މީ ހެޔޮވާވަރުގެ ކަމެއްނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، މިހާރުވެސް ރާއްޖެ ހޭދަކުރާ ދުވަސްތަކަށް ބަލައިލާއިރު ރާއްޖޭގެ ގައުމިއްޔަތެއް ނެތް ކަމަށާއި ރާއްޖޭގެ ދީނަށް ފުރައްސާރަކުރަމުންދާ ކަމަށެވެ.

"ރާއްޖޭގައި އެއްގޮތަކަށްވެސް ދިވެހިވަންތަ ސިފައެއްނެތް. ހަމަ މުޅިންވެސް ބޭރުގެ ފަރާތްތަކާ ގުޅިިގެން ހިނގާ ކަންކަން މިއޮތީ. ދެން އެންމެބޮޑު ކަމަކަށް މިއޮތީ ރަށްރަށުގެ ތަރައްގީ، ދާއިރާތަކުގެ ތަރައްގީގެ އެއްވެސް މަސައްކަތެއް ފެއްޓިފައެއްނެތް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އަމިއްލަ ވަންތަކަން ގެއްލުވައިލައި، އިސްލާމް ދީނާއި ރާއްޖޭގެ ދާހިލީ ކަންކަމާ ބޭރުގެ ފަރާތްތަކުން ބެހުމަށް އެމަނިކުފާނުގެ ވެރިކަމުގައި ޖާގަ ދީފައި ނުވާނެ ކަމަށެވެ.

"ރާއްޖޭގެ އަމިއްލަ ވަންތަކަން ގެއްލި، ރާއްޖޭގެ ދާހިލީ ކަންކަމަށް ބޭރުގެ ފަރާތްތަކުން ބެހި، ރާއްޖޭގެ ދީނާ ބެހި، މިކަންތައްތައް ކުރުމަކީ އަޅުގަނޑުގެ ސަރުކާރުން ޖާގަ ދިން ކަންތައްތަކެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟