މަގުމަތީގެ އެކްސިޑެންޓް

ބުރިޖު ހައިވޭގައި ދުއްވި ކާރެއް ކޮންޓްރޯލު ނުވެ، ފެންސު ފަޅާލައި، ހޮޅިދަނޑިއެއްގައި ޖެހިފައި ގޮސް މޫދު ތޮށްޓަށް

2

ބުރިޖު ހައިވޭގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެގެން ގޮސް، ހައިވޭގެ އިރުމަތީ ފަޅީގައި ޖަހާފައި ހުރި ފެންސް ފަޅާލާފައި ގޮސް އެމަގުގައި ޖަހާފައި ހުރި ހޮޅިދަނޑިއެއްގައި ޖެހިފައި ގޮސް މޫދުތޮށީގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭ ދަންވަރު 3:05 އެހާއިރު އެވެ. ކޮންޓްރޯލު ނުވެގެން ގޮސް ފެންސުގައި ޖެހުނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޕްރައިވެޓް ކާރެކެވެ. އެ ކާރުގައި ދުއްވަން އިން މީހާގެ އިތުރުން އެކަކު އިނެވެ.

އެކްސިޑެންޓުވި ކާރު ---

ކާރުގައި އެވަގުތު ތިބީ 24 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެއް ކަމަށާއި އޭގެ ތެރެއިން ކާރު ދުއްވަން އިނީ 24 އަހަރުގެ މީހާ ކަމަށާއި އޭނާ އަތުގައި ލައިސަންސް އޮތް ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން އިތުރަށް ބުނީ މި އެކްސިޑެންޓުގައި އެ ދެމީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟