އަލީ ޔާމިން
ކޮވިޑް ފެތުރޭތީ މާލޭ ސަރަހައްދުގައި ގިނަ މީހުން ބައިވެރިވެގެން ކުރިއަށްގެންދާ ހަފްލާތަކާއި އެއްވުންތައް މަނާކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އެ ފިޔަވަޅު އެޅީ، ކޮވިޑްގެ އާ ވޭރިއަންޓް "އޮމިކްރޯން" ރާއްޖެއިން ފެނިފައިވާތީއާއި މާލޭ ސަރަހައްދުގައި ބަލި ފެތުރުން އިތުރުވެފައިވާތީ ކަމަށެވެ.
އެގޮތުން ކޮވިޑް ކޮންޓްރޯލްކުރުމަށް މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގައި ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މި ފަހަކަށް އައިސް މާލޭ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، އިއްޔެ އެކަނިވެސް މާލޭ ސަރަހައްދުން 101 މީހުން ޕޮޒިޓިވްވެފައިވެއެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވުމާއެކު އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުން ފުރާ މީހުން ޕީސީއާރް ޓެސްޓު ކުރަން ޖެހޭ ގޮތަށް ވެސް ހަދައިފައެވެ. ވެކްސިން ފުރިހަމަ ނުކުރާ މީހުން 14 ދުވަހަށް ކަރަންޓީންވާންޖެހޭ ގޮތަށް ވެސް ހަދައިފައެވެ.