ރައީސް ޔާމީން

ޖޭޕީއަށް ބައެއް ގޮނޑިތައް ދޫކޮށްލީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުނަ ނުދިނުމަށް: ޔާމީން

އިބްރާހިމް ޒަކީ

1

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރަން ނިންމި ބައެއް ދާއިރާތައް، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ދޫކޮށްލީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުނަ ނުދިނުމަށް ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލ. މާވަށު ދާއިރާއަށް ޕީޕީއެމުން ނިކުންނަވާ، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ތާއީދު ހޯއްދެވުމަށް، ސައީދު ހިމެނިވަޑައިގަންނަވާ ގޮތުން އެރަށުގެ ބަަޔަކާ ފޯނު މެދުވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ލީކުވެފައިވާ މި ފޯނު ކޯލަކީ ކޮން އިރަކު އެމަނިކުފާނު ދެއްކެވި ވާހަކަފުޅެއްކަން ނޭނގުނު ނަމަވެސް މި ވާހަކަޅަކީ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމުން ޓިކެޓްދިން ބައެއް މީހުންގެ އަތުން ޓިކެޓް އަތުލުމަށްފަހު ޖޭޕީގެ ކެނޑިޑޭޓުންނަށް ތާއީދު ކުރައްވަން ނިންމެވުމަށްފަހު ދެއްކެވި ވާހަަކަފުޅެއްކަން ދޭހަވެ އެވެ.

"ޖޭޕީ އާއި އަޅުގަނޑުމެން (ޕީޕީއެމް)އިންނާ ދެބައި މީހުން އެ ދާއިރާތަކަށް ވާދަކޮށްފަ، އަދި އެތަންތަނަށް ރައީސް މައުމޫނުގެ ފަރާތްޕުޅުންވެސް މީހުން ވާދަކުރީމަ، އެ ގޮނޑި އެމްޑީޕީއަށް ނެގުމުގެ ފުރުސަތު މާބޮޑަށް ބޮޑުވެގެންދަނީ. އެހެންވީމަ ބައެއްް ދާއިރާތައް އަޅުގަނޑުމެން ދޫކޮށްލީ،" ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ޔާމީން ވިދާޅުވީ، ބައެއް ދާއިރާތަކަށް ޕީޕީއެމުން ކުރިމަތި ނުލާން ނިންމައި ޖޭޕީގެ ކެނޑިޑޭޓުންނަށް ތާއީދުކުރަން ނިންމެވުމުން ޕާޓީތެރޭގައި ހިތްދަތިކަމާއި ހިތް ހަމަނުޖެހުން އުފެދިފައިވާ ކަމަށެވެ.

އެ އޯޑިއޯގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ، މާވަށު ދާއިރާއަކީ އެމަނިކުފާނު މަޖިލީހަށް މިފަހަރު ކުރިމަތިލައްވަން ނިންމެވި ދާއިރާ ކަމަށެވެ.

"އަޅުގަނޑު ކުރިން އުޅުނީ މާވަށު ދާއިރާއަށް ކުރިމަތިލާން، އެހެންނަމަވެސް ދާއިރާތައް ހުސްވަމުން، ހުސްވަމުން ގޮސް މުޅިން ހުސްވީމަ ދެން އަޅުގަނޑު މާވަށަށް ކުރިމަތި ލުމުގެ ބަދަލުގައި އަޅުގަނޑު އިހުތިޔާރު ކުރީ ސައީދަށް އަޅުގަނޑު ދާއިރާ ދޫކޮށްލަން،" ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟