ޚަބަރު

ސަރުކާރު ޒިންމާދާރު ކުރެވޭ އަދަދަށް އޮޕޮޒިޝަންއަށް މެންބަރުން އިންތިހާބު ކުރަންޖެހޭ: ގާސިމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި، ސަރުކާރު ޒިންމާދާރު ކުރެވޭ އަދަދަކަށް އިދިކޮޅު ފަރާތްތަކަށް މެންބަރުން އިންތިހާބުކޮށްދޭން ޖެހޭކަމަށް، ސަރުކާރު ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް މާމިގިލީ ދާއިރާއަށް ވާދަކުރަން ނިންމަވައި، އެކަން އިއުލާން ކުރެއްވުމަށް މާމިނގިލީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ސަރުކާރު ކޯލީޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ (އެމްޑީޕީ) އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ ހެޔޮވާވަރުގެ ކަމެއްނޫން ކަމަށެވެ.

ގާސިމް ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރެވޭނީ ހެލްދީ އޮޕޮޒިޝަނެއް އޮވެގެން ކަމަށާއި އެކަމަށްޓަކައި އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ ގޮޑިތަކެއް ދޭންޖެހޭ ކަމަށެވެ.

އަދި ސަރުކާރު ޒިންމާދާރު ކުރުވާ، މައިގަނޑު ބައެއްގެ ގޮތުގައި ތިބޭނީ އޮޕޮޒިޝަންކަމުން، އެކަމަށް ރައްޔިތުން ވިސްނައި އެ ފަރާތްތަކަށް މަޖިލީހުގެ ގޮޑިތަކެއް ދޭން ރައްޔިތުން ނިންމެވުމަށްވެސް ގާސިމް އެދިވަޑައިގެންނެވި އެވެ.

ގާސިމް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި އިދިކޮޅު ޕީޕީއެމުން ވާދަކުރަން ޓިކެޓްދިން ބައެއް މީހުންގެ އަތުން ޓިކެޓް އަތުލުމަށްފަހު އެ ދާއިރާތަކުން ޖޭޕީގެ ކެނޑިޑޭޓުންނަށް ތާއީދު ކުރަން ރައީސް ޔާމީންގެ ޕީޕީއެމުން ނިންމާފައިވަނިކޮށެވެ.

މި ކަމާގުޅިގެން މަޖިލިސް އިންތިހާބުގައި ޕީޕީއެމް އާއި ޖޭޕީން ކޯލީޝަން ހަދާފައިވާކަމަށް ބައެއް ފަރާތްކުން ދަނީ ބުނަމުންނެވެ.

ނަމަވެސް އެ ދެޕާޓީން ރަސްމީގޮތެއްގައި އެކަން ގަބޫލު ކޮށްފައެއްނުވެ އެވެ.

މިރޭގެ ޖަލްސާގައި މާމިނގިލީގެ މިހާރުގެވެސް މެންބަރު ގާސިމް ވަނީ އެމްޑީޕީއަށްވެސް ވަރަށްބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ގާސިމް ވިދާޅުވީ، އެމްޑީޕީއަށް މަގުސަދު ހާސިލް ވުމުން ޖޭޕީ މަގުމައްޗަށް އެއްލާާފައިވާ ކަމަށެވެ.

އަދި އެއްބަސްވުމާ އެއްގޮތަށް މަޖިލީހުގެ ގޮޑިތައް ޖޭޕިއަށް ނުދޭން އެމްޑީޕީގެ ރައީސް މުަހައްމަދު ނަޝީދު ނިންމެވި ނަމަވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕާޓީތަކަށް ގޮނޑިތައް ދޭނެ ގޮތްތަކާމެދު ހަތަރު ލީޑަރުން އެއްބަސްވެފައިވާ ކަމަށާއި އެމްޑީޕީގެ ޗެއާޕާސަން އާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސޮއިކުރައްވާފައިވާ އެކަމުގެ ލިއުން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

އަދި އެ އެއްބަސް ވުމުގައިވާގޮތަށް އެ ގޮޑިތައް ޖޭޕީއަށް ދޭން ޖެހޭނެ ކަަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"އެއްބަސްވި އެއްބަސްވުމާ އެއްގޮތަށް ކީއްވެތޯ ގޮނޑިތައް ނުދިނީ، އަޅުގަނޑުމެން މަގުމައްޗަށް އެއްލާލީ،" ގާސިމް ވިދާޅުވި އެވެ

ގާސިމް ވިދާޅުވީ ކޯލީޝަން އެއްބަސްވުމާ އެއްގޮތަށް ސަރުކާރުން ކަންތައްތައްް ކުރިއަށްގެންދަންޖެހޭ ކަމަށެވެ.

އެގޮތުން ޕާޓީތަކަށް ދޭން ނިންމާފައިވާ ވަޒީފާތަކަށާއި ބޯޑުތަކަށް މީހުން ހަމަޖެއްސުމަށް ރައީސުލް ޖުމްހުރިއްޔާގެ ކިބައިން ގާސިމް އެދިވަޑައިގެންނެވި އެވެ.

ގާސިމް ވިދާޅުވީ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ސަރުކާރު ހިންގާ ކޯލީޝަނަށް ލިބުމަކީ މައްސަލައެއްނޫން ކަމަށާއި، ނަމަވެސް އެމްޑީޕީއަށް މެޖޯރިޓީ ލިބުމަކީ ހެޔޮވާވަރުގެ ކަމެއްނޫން ކަމްށެވެ.