އުއްމީދަކީ އަންނަންއޮތް ޖީލު ތަކަށް ބޭނުންވާ ދިރާސާތައް ހެދުމާއި، އެ ދިރާސާތަކުގެ އަލީގައި ހޯދާ ހޯދުންތައް ދުނިޔެއާ ހިއްސާކުރުން ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.
މަލީހް މިހެން ވިދާޅުވެފައި ވަނީ މިރޭ ކޮމިއުނިކޭޝަން މިނިސްޓްރީއިން އަލަށް ފެށި ސައިޓެކް ލެކްޗާ ސީރީސްގެ ފުރަތަމަ ސެޝަނަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވަމުންނެވެ.
މަލީހް ވިދާޅުވީ، މި ސެޝަންތަކަކީ ޒުވާނުންގެ އިތުރުން ރާއްޖޭގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް މުހިއްމު މައުލޫމާތުތަކެއް ލިބިގެންދާނެ ސެޝަންތަކެއް ކަމަށެވެ.
އެގޮތުން މި ސެޝަން ތަކުގައި ދުނިޔެއަށް ދިމާވާ އެކި ގޮންޖެހުންތައް، ހާއްސަކޮށް އާޓިފިޝަލް އިންޓެލިޖަންސް، (އޭއައި) ގެ އެދެވޭ ފައިދާގެ އިތުރުން ނޭދެވޭ ކަންކަން ސާފުކޮށް މިރޭގެ ސެޝަންގައި ބަޔާންކޮށްދިންކަމާއި، މުސްތަގުބަލުގައި އިންސާނިއްޔަތަށް ދިމާވެދާނެ އެކި ކަންކަމާމެދު މައުލޫމާތު ހިއްސާކުރައްވާނެކަމަށް މަލީހް ވިދާޅުވިއެވެ.
މީގެ އިތުރުން ބޭރުގެ ޕްރޮފްސަރުން ވަޑައިގެން ހިންގާ މިފަދަ ސެޝަން ތަކަކީ ކިޔަވާ ކުދިންނާއި، ޒުވާނުންގެ އިތުރުން މިދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ފައިދާ ކުރުވަނިވި ސެޝަންތަކެއްކަމަށް މަލީހު ވިދާޅުވި އެވެ.
ދުނިޔޭގެ އެހެން ތަންތާގައި މިފަދަ ސެޝަންތަކަކީ ވަކި ފީއެއް ދައްކައިގެން ވަދެވޭނެ ސެޝަންތަކެއްކަން ފާހަގަކޮށް، މިނިސްޓަރ ވިދާޅުވީ ކުރިއަށްއޮތްތާގައި ވީހާވެސް ގިނަ ބަޔަކު ސައިޓެކްގެ ސެޝަންތަކަށް ހާޒިރުވުމަށް އެދޭ ކަމަށެވެ.
ސައިޓެކްގެ ފުރަތަމަ ސެޝަން ނަންގަވައިދެއްވި އެމެރިކާގެ ފުންނާބު އުސް ޕްރޮފެސަރެއް ކަމުގައިވާ ޕްރޮފެސާ އަހުމަދު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އައިއޭ އަކީ ދިރިއުޅުމުގެ އެކި ކަންކަމަށް އޭގެ އަސަރު ފޯރުވާނެކަމެއްކަމަށް ވިދާޅުވެފައެވެ.
އެގޮތުން މަސްވެރިކަމަށް ބަލާއިރު އައިއޭގެ ބޭނުންކޮށްގެން މުސްތަގުބަލުގައި ރާއްޖޭގެ މަސްވެރިކަން ކުރިއަރާ ދާނެ މިންވަރު ހާމަވާ މެޝިނެއް ގާއިމްކުރެވިދާނެކަމަށް ޕްރޮފެސާ ވިދާޅުވިިއެވެ.
މީގެ އިތުރުން ޕްރޮފެސާވަނީ އައިއޭ ގެ ސަބަބުން ސަރުކާރުތަކަށް އެކި ކަންކަމުގައި ދުރާލައި، ކަންގެންދާނެގޮތް ރޭވުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް ވިދާޅުވެފަ އެވެ.
އަދި މިއީ އެއްފަހަރާ އެތަށް މައުލޫމާތެއް އެނަލައިޒް ކުރެވޭނެ ޓެކްނޮލޮޖީއެއްކަން ޕްރޮފެސާ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީީގެ އޮޑިޓޯރިއަމްގައި މިރޭ ކުރިއަށްދިޔަ ސެޝަން ފެށުމުގެ ކުރިން މިނިސްޓަރ މަލީހަ ވަނީ ''ސައިޓެކް'' ސީރީސް އިފްތިތާހު ކުރައްވައިފައެވެ.