ސްކޫލްތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާ ފަށައިފި އެވެ.
ދަރުބާރުގޭގައި ކުރިއައްދާ މި މަހާސިންތާގައި މިއަދު ވަނީ ސްކޫލްތަކަށް ދިމާވެފައިވާ އެކިކަހަލަ މައްސަލަތަކާއިމެދު މަޝްވަރާ ކޮށްފަ އެވެ.
މި މަހާސިންތާ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވަނީ ގޭގެ އޮޅިގަނޑު ނުރަނގަޅުވުމުން އެގެއަށް ސުލްހަވެރިކަން ނާންނަފަދައިން ސްކޫލެއްގެ އިސްވެރިޔާ ނުރަނގަޅުވެއްޖެ ނަމަ އެ ސްކޫލެއްގެ ބަރަކާތް ކެނޑިގެންދާނެކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ވަނީ ސްކޫލްތަކުގެ އިސް މަގާމުގައި ތިއްބަވާ ބޭފުޅުން ކަންކަން ކުރަންޖެހޭނީ ވަކި ފަރާތަކަށް ޖެހުމެއްނެތި އަދުލާއި އިންސާފާއެކު ހަމަހަމަކަން މަތީ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ ސްކޫލްތަކުގެ އިސްވެރިންނަށް، ބެލެނިވެރިންނާއި އާއިލާ ތަކާއި ގުޅުންތައް ގާއިމްކޮށް ދަމަހައްޓާ ފަރާތަށް ވާންޖެހޭނެކަމަށާއި އެކި މުއާމަލާތްތަކާއި ގުޅުންތައް ތަރުތީބު ކުރުމަކީވެސް ސްކޫލެއްގެ އިސްވެރިންގެ ޒިންމާއެއްކަން ހަނދުމަފުޅު ކޮށްދެއްވައިފަ އެވެ.
މިނިސްޓަރ ވަނީ ސްކޫލެއް ހިންގުމަކީ އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމެއް ނަމަވެސް ރަނގަޅަށް ސްކޫލް ހިންގިއްޖެ ހާލަތެއްގައި ދެމި ހުންނެވިއްޖެނަމަ އެއީ ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއްކަން ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ ތައުލީމީ ނިޒާމަށް ބަދަލުގެނެވޭނީ ސްކޫލު ފެންވަރުގެ ގިނަ މީހުންގެ ތާއީދު ލިބިގެންކަމަށާއި ސްކޫލު ހިންގުން ލާމަރުކަޒީ ކުރުމުން ސްކޫލު ފެންވަރުގައި ނިންމާ ކަންތައް އެކަށޭނެ ގޮތަށް ތަންފީޒުކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
އެކި ސްކޫލްތަކުން 250 އިސްވެރިން ބައިވެރިވެ ވަޑައިގަތް މި މަހާސިންތާގެ ފުރަތަމަ ސެޝަން މިއަދު ކުރިއަށް ދިޔައިރު މި ސެޝަންގެ ތެރެއިން ސްކޫލްތަކުގެ އިސްވެރިންވަނީ މުސާރައިގެ އޮނިގަނޑާއި ވަސީލަތްތަކާއި ހުރިހާ ސްކޫލެއް ހަމަހަމަކުރުންމުގެ މައްޗަށް އަލިއަޅުވާލާ މަޝްވަރާކުރުންތައް ކުރިއަށް ގެންގޮއްސައެވެ.