ޚަބަރު

އެސްއޯއެފާއި އެކު ކުރީ ސައްހަ މުއާމަލާތެއް، އެއީ ކުށެއްނޫން: ގާސިމް

1

އޭސީސީން ނެރުނު، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ރިޕޯޓްގައި، އެސްއޯއެފް ކުންފުނިން ވިލާޓްރެވަލްސްއަށް ޑޮލަރު ޖަމާކޮށްފައިވާކަމަށް ބުނެފައިވާއިރު، އެ މުއާމަލާތަކީ އެސްއޯއެފް ކުންފުންޏާއެކު ކޮށްފައިވާ ސައްހަ މުއާމަލާތެއްކަމަށް ވިލާ ގުރޫޕުގެ ޗެއާމަން ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެެވެ.

އެސްއޯއެފް ކުންފުންޏާ އެކު ވިލާޓްރެވަލްސް އިން ކޮށްފައިވާ ޑޮލަރުގެ މުއާމަލާތް، އޭސީސީ ރިޕޯޓްގައި ހިމެނިފައިވާތީ ސޯޝަލް މީޑިޔާގައި ފާޑު ކިޔަމުންދާ ފަރާތްތަކަށް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ، ވިލާޓްރެވަލްސް އަކީ ދުނިޔޭގެ އެތައް ބައިވަރު އެއާލައިން ތަކަކަށް ދިވެހި ރުފިޔާއިން ޓިކެޓް ވިއްކަމުންދާ ބައެއް ކަމަށެވެ.

އަދި އެއީ ސަރުކާރުން މަޖުބޫރު ކޮށްފައި އޮންނަކަމެއް ކަމަށާއި، ދިވެހި ރުފިޔާއިން ޓިކެޓް ވިއްކިއަސް އެއާލައިންތަކަށް ފައިސާ ދޭން ޖެހެނީ ޑޮލަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ވިލާޓްރެވަލްސް އަކީ ގިނަ އަދަދަކަށް ޑޮލަރު ގަންނަ ކުންފުންޏެއް ކަމަށާއި ޑޮލަރު ގަންނައިރު ވިއްކަނީ ކޮން ބައެއްތޯ ނުބަލާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

" ޑޮލަރު އަބަދުވެސް ގަނަނަމުންދަނީ، ބޭންކުތަކުން ނުލިބުނިއްޔާ ލިބުނުތާކުން، ވިއްކި މީހެއްގެއަތުން ގަންނަނީ، އެއީ ބާޒާރުކުރާ ހުރިހާއެންމެންވެސް، ބޭހައްދާ އެންމެންވެސް އެކަން ކުރާގޮތް. ޑޮލަރު ގަތުމަކީ އެމްއެމްއޭގެ ގަވާއިދު ބުނާގޮތުންވެސް ކުށެއްވެސް ނޫން،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްއޯއެފް އިން ދެފަހަރެއްގެ މަތިން ބޭންކްގެ ޗެކަކުން ޑޮލަރުގެ މުއާމަލާތް ކޮށްފައިވާނެ ކަމަށާއި އެ މުއާމަލާތާބެހޭ ހުރިހާ ލިޔެކިއުމެއް ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އެ މުއާމަލާތުގައި ފަސް ކުރުމެއްވެސް ނެތި ޑޮލަރަށް ފައިސާ ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީގެ ރިޕޯޓާއި ގުޅިގެން ވިލާ ގުރޫޕަށާއި ޤާސިމް އިބުރާހިމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކަށާއި ކިޔަމުންދާ ފާޑު ކިއުންތަކަށް ރައްދު ދެއްވަމުން ޤާސިމް އިބުރާހިމް ވިދާޅުވީ، ވިލާ ޓްރެވަލްސްއަކީ އެމަނިކުފާނުގެ އަމިއްލަ ކުންފުންޏެއް ކަމަށެވެ.

"އެ ވިދާޅުވާ ކުންފުންޏަކުން ދެފަހަރެއްގެމަތިން ބޭންކުންދިންޗެކުން ލިބުނީމާ އެއީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގޭނެ ގޮތެއް އޮންނާނެތޯ؟ މީހަކު ޑޮލަރު ވިއްކަން އައީމާ،" ގާސިމް ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟