ޚަބަރު

ހިރިލަންދޫއިން ވަގަށްނެގި ތަކެތި ހޯދައި ދެމީހަކު ހައްޔަރު ކޮށްފި

މަރިޔަމް ޝަހުދާ

ތ.ހިރިލަންދޫއިން ވަގަށް ނެގިކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފުހުލުން ހޯދައިފި އެވެ.

މިތަކެތި ފުލުހުން ހޯދާފައި ވަނީ ހިރިލަންދޫ ޕޮލިސްޓޭޝަނަށް ހުށަހެޅި ވައްކަމުގެ މައްސަލައަކާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާ އާއި ސިނގިރޭޓު، ބަޔަކު ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުންގެ އޮޕަރޭޝަން ގައި ވަގަށް ނަގާފައިވާ ތަކެއްޗާއެކު ދެ މީހަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ 25 އަހަރާއި 31 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި 31 އަހަރުގެ މީހާ ދިރިއުޅޭ ގެ، ބަލައި ފާސްކުރުމުން އެ ގޭގެ ގުދަނުގެ ތެރެއިން 4 ކާޓޫނު ކެމަލް ހާޑް ސިންގިރޭޓާއި، 8 ކެމަލް ލައިޓް ސިންގިރޭޓު ފޮށި ވަނީ ފެނިފަ އެވެ.

އަދި އެމީހާ ބަލައި ފާސްކުރުމުގެ ތެރެއިން އެމީހާގެ ޖީބުން ފައިސާ ފެނިފައިވެ އެވެ.

މި އޮޕަރޭޝަން ގައި ފުލުހުން ހޯދާފައިވާ ތަކެއްޗާއި ފައިސާ އެ ތަކެތީގެ ވެރިފަރާތާ މިހާރު ވަނީ ހަވާލު ކޮށްފަ އެވެ.

މި މައްސަލައިގަ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ތ.ވަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

މި މައްސަލަ ތ.ހިރިލަންދޫ ޕޮލިސްޓޭޝަނުން އަންނަނީ އިތުރަށް ބަލަމުންނެވެ.