ޚަބަރު

ހޯމް ސޯލާ ޕްރޮގްރާމް ހިންގުމަށް ފެނަކައާ ހަވާލުކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ހޯމް ސޯލަރ ޕްރޮގްރާމް ހިންގުމަށް ފެނަކަ ކޯޕަރޭޝަނާ އެކު އެންވަޔަރަމެންޓް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހޮޓެލް ޖެންގައި މިއަދު ކުރިއަށްގެންދިޔަ މިރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ އެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، މި ޕްރޮގްރާމުގެ ސަބަބުން ވަކިވަކި ގޭބީސީތަކުގެ ފުރާޅުތަކުގައި ސޯލާ ޕެނެލްތައް ހަރުކުރެވިގެން ދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގައި ތެލަށް ބަރޯސާ ވެފައި އޮންނަ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކަރަންޓް ބިލު ބޮޑުވުމަކީ އާންމު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް. ހޯމް ސޯލާ ޕްރޮގްރާމަކީ ކަރަންޓް ބިލުތައް ކުޑަ ކުރުމަށާއި، ޖުމުލަކޮށް ބަލާއިރު ރާއްޖޭގެ ބަޖެޓުން ތެލަށް ހަރަދުކުރާ މިންވަރު ކުޑަކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް." ޝައުނާ ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، ސައީދު ވިދާޅުވީ މި ޕްރޮގްރާމް ބައްޓަންކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް ކަމަށާއި ސޯލާ ޕެނަލްތައް ހަރުކުރަން ނިންމާފައިވަނީ އާއްމު ރައްޔިތުންގެ ގޭގެ ގޯތިތެރޭގައި ކަމަށެވެ. މި ޕްރޮގްރާމް ފެށިގެން ދާއިރު މަދުވެގެން 1000 އާއިލާއަށް މި ހިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި މުސްތަގުބަލުގައި މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް ހިންގުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށެވެ.

"އަޅުގަނޑުމެން ފެނަކައިގެ އަމާޒަކީ 2023 ވަނަަ އަހަރުގެ ނިމުމުގެ ކުރިން ފެނަކައިގެ ހިދުމަތްދޭ 154 ރަށުގައި، 70 ޕަސެންޓް ސޯލާއިން ނޫނީ އިއާދަކުރެވޭ ހަކަތައިން ކަރަންޓް ފޯރުކޮށްދެވޭނެ ވަސީލަތްތައް ގާއިމު ކުރުން" ސައީދު ވިދާޅުވިއެވެ.