އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރުނު ރިޕޯޓުގައި، ވަރަށް މުހިއްމު ކަންތައްތަކެއް ސިއްރު ކޮށްފައިވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާލު ވެއްޖެ އެވެ.
އަމީން އިބްރާހިމް ދެންމެ ކުރެއްވި ޓްވީޓެއްްގައި ވިދާޅުވެފައި ވަނީ، އެ ރިޕޯޓްގައި ވަރަށް މުހިއްމު ކަންތައްތައް ސިއްރު ކޮށްފައި، ނުވަތަ ނުބަލައި ދޫކޮށްލާފައިވާކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
ތަހުގީގު ރިޕޯޓްގެ އާއްމު ނުކުރާބައި އޭސީސީން ނެރޭނީ ކޮންއިރަކުންތޯ؟ އަމީން ވަނީ ސުވާލު ކުރައްވައިފަ އެވެ.
އެމްއެމްޕިއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލައި، އޭސީސީން 776 ސަފްހާގެ ރިޕޯޓެއް އާއްމު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.
އެ ރިޕޯޓްގައި އެސްއޯއެފް ކުންފުނިން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށާއި ޔޫތު މިނިސްޓަރުގެ އިތުރުން ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކަށް ޑޮލަރު ޖަމާކޮށްފައިވާކަން ވަނީ ހާމަ ވެފަ އެވެ.
ނަމަވެސް އެ ރިޕޯޓް ފުރިހަމަ ނޫން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އޭސީސީން އަމިއްލައަށް އިސް ނަގައިގެން ކުރިއަށް ގެންދިޔަ ތަޙްޤީޤު ނިންމައި އާއްމު ކުރި މި ރިޕޯޓް ފުރިހަމަ ނޫން ކަމަށް، އެ ހިޔާނާތް ފުރަތަަމަ ފަޅާއަރުވާލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އޭރުގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ވެސް ވަނީ ވިދާޅުވެފަ އެވެ.
އަދި ބައެއް ގާނޫނީ ވަކީލުންވެސް އެރިޕޯޓް ފުރިހަމަނޫންކަމަށް ވިދާޅުވެފައިވެ އެވެ.
އޭސީސީގެ ރިޕޯޓުގައި ބުނެފައިވަނީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި، ރަށްރަށާއި ފަޅުތައް ދޫކޮށްގެން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީ އަށް ވަދެފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރު ކަމަށެވެ.