ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4000 ހައުސިން ޔުނިޓުގެ ދަށުން ހަދާނީ 18 ބުރީގެ 32 ޓަވަރު ކަމަށް އެ މަޝްރޫއު ހިންގާ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.
އެ 4000 ހައުސިން ޔުނިޓަކީ މި ސަރުކާރުން ކުރިއަށް ގެންދާ ފުރަތަމަ ސޯޝަލް ހައުސިން ޕްރޮޖެކްޓެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ނޭޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކުންފުނި (އެންބީސީީސީ)އާއި ޖޭއެމްސީ ޕްރޮޖެކްޓްސް އާ އެވެ. ޑިޒައިންކޮށް, ފައިނޭންސް ކޮށް, އިމާރާތްކުރާ ގޮތަށް އެއިން ކޮންމެ ކުންފުންޏަކުން 2000 ހައުސިން ޔުނިޓު އިމާރާތް ކުރާނެއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން މި ސަރުކާރުން އުފެއްދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރު "ވަން" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ވިދާޅުވީ, 4000 ހައުސިން ޔުނިޓުގެ ދަށުން 18 ބުރީގެ 32 ޓަވަރު ހަދާއިރު, ކޮންމެ ޓަވަރެއްގައި ތިން ލިފްޓު ހުންނާނެ ކަމަށެވެ.
ކޮންމެ ޓަވަރެއްގައި އަށް ރެސިޑެންޝަލް ޔުނިޓު ހުންނާނެ ކަމަށާއި އެންމެ ތިރީ ބުރީގައިވެސް ފިހާރަތަކާއެކު ޕާކިންއަށް ޖާގަ ހަދައި, އިމާރާތުގެ ވަށައިގެންވާ ސަރަހައްދުގައިވެސް ޕާކިން ހަދާނެ ކަމަށް ވިދާޅުވިއެވެ.
"މިހާތަނަށް ޑެލިވާ ކުރެވިފައިވާ ޕްރޮޖެކްޓްތަކާ އަޅައި ބަލާއިރު މި ޕްރޮޖެކްޓުގެ އޭރިއާގެ ގޮތުން ބޮޑުވާނެ. ތަފާތުވާނެ. ޑިޒައިންކޮށްފައި ވަނީ ހިތްފަސޭހަކޮށް, ދިރިއުޅުމަށް ބޭނުން ކުރެވޭނެ ތަނެއްގެ ގޮތުގައި," ސަލްފިއްޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, މި ހައުސިން ޔުނިޓުތަކުގެ ތެރެއިން ބޮޑު ބަޔަކީ އެފޯޑަބަލް ނުވަތަ ތަނަވަސްކަން ކުޑަ އާއިލާތަކަށް ދޭ ޔުނިޓުތަކެކެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ކައުންސިލް ހައުސިން ނުވަތަ ފަގީރު އާއިލާތަކަށްވެސް ހާއްސަކުރާނެ ކަމަށް ވިދާޅުވިއެވެ.
ސަލަފިއްޔާ ވިދާޅުވީ, 4000 ހައުސިން ޔުނިޓު ހަވާލު ކުރާނީ ހުރިހާ މަސައްކަތެއް ނިންމާފައިވާ ކަމަށާއި އެތަނަށް ވަންނަ ބަޔަކު ކުރަން ޖެހޭނެ އިތުރު މަސައްކަތެއް ނުހުންނާނެ ކަމަށެވެ.
"ވަންނަ ބަޔަކު ކުރަން ޖެހޭ އިތުރު މަސައްކަތެއް ނުހުންނާނެ. ފާރުގަ ކުލަ ލާފަ, ޓައިލްސް ވެސް ޖެހިފަ ހުންނާނީ. އެ ތަކުލީފު އުފުލާކަށް ނުޖެހޭނެ," ސަލަފިއްޔާ ވިދާޅުވިއެވެ.